އާ ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ހުށަހެޅި އިސްލާހުތަކާ އެކު، 17.5 ބިލިއަން ރުފިޔާއަށް ބަޖެޓް ބޮޑު ވެގެންދިއުމުން، ބަޖެޓް ދިރާސާކޮށް ނިންމާލެވޭނީ ބުރާސްފަތި ދުވަހަށް ކަމަށް ބަޖެޓް ކޮމެޓީން މިއަދު ބުނެފި އެވެ.

ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން މި މަހުގެ ކުރީ ކޮޅު އަންގަވާފައި ވަނީ މިއަދުގެ ކުރިން ބަޖެޓް ދިރާސާކޮށް ނިންމައި ރިޕޯޓް ފޮނުއްވައި ދެއްވުމަށެވެ. ނަމަވެސް އާ ސަރުކާރުން ބަޖެޓަށް އިސްލާހުތައް ހުށަހެޅުމަށް 20 ދުވަސް ހޭދަވުމުން، ބަޖެޓް ކޮމެޓީގެ މަސައްކަތް މެދުކެނޑުނެވެ. ސަރުކާރުން ބަޖެޓަށް އިސްލާހު ހުށަހެޅީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރު އަބްދުﷲ މައުސޫމް މިއަދު "ސަން"އަށް ވިދާޅުވީ ބަޖެޓް ކޮމެޓީގެ މަސައްކަތް ނިންމާލެވޭނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހު ކަމަށާއި ބަޖެޓުގެ ރިޕޯޓް ތަޅުމަށް ފޮނުވޭވަރު ވަނީ މި މަހުގެ 21 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

"ބަޖެޓް ހުށަހަޅާނެ ދުވަސްތައް ކަނޑައަޅާފައިވުމުން މަޖިލީހުގެ ރައީސަށާއި އެހެން ބޭފުޅުންނަށް ފޮނުވަންޖެހޭ ސިޓީތަކާއި އެންގުންތައް އެންގުމުގެ މަސައްކަތް އިދާރާ ބޭފުޅުން ދެން ކުރައްވާނެ،" ބަޖެޓް ކޮމެޓިގެ މުގައްރިރު އަދި ކެލާ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާއާ ގުޅޭ ގޮތުން، ހިޔާލު ހޯދުމަށް މިދިޔަ ހަފްތާ އާއި އިއްޔެ ވެސް މުއައްސަސާތައް ކޮމެޓީއަށް ހާޒިރު ކުރި އެވެ. ބަޖެޓާ ގުޅޭ ގޮތުން މުއައްސަސާތަކުން ވަނީ ބަޖެޓް ކޮމެޓިއަށް ބޮޑެތި ޝަކުވާތަކެއްކޮށްފަ އެވެ.

ރައީސް ވަހީދުގެ ސަރުކާރުން ހުށަހެޅި 16.4 ބިލިއަން ރުފިޔާގެ ބަޖެޓަށް އާ ސަރުކާރުން ވަނީ 1.1 ބިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމަށް 400،000،000ރ. އަދި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ހިންގުމަށް 500،000،000ރ. ހިމަނާފައިވެ އެވެ.