15 Dec 2013, 09:44
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީސް ވެސް ކެންސަލް ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދުމުން ކަމަށެވެ.
މީގެކުރިން ވެސް ޕީޖީ އޮފީހުން އެދިގެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ވަނީ އެތަކެއްފަހަރު ކެންސަލް ކޮށްފަ އެވެ.
އަލީ ޝާން ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އިންކާރުކުރުމަށް ފަހު ގާނޫނީ ވަކީލަކު ހަމަޖައްސާފަ އެވެ.
މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ އާ ދެކޮޅަށް ހެކި ހުށަހެޅުމަށް ޝަރީއަތުން ވަނީ ދައުލަތަށް ފުރުސަތު ދީފަ އެވެ.
ޝާންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާ ދެ މީހުން ބައިވެރިވެގެން ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.