15 Dec 2013, 09:33
ތ. އޮމަދޫގައި ޝެއިޚު އާދަމް ޝަމީމް ދީނީ ދަރުސްދޭން އުޅުމުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށު ކައުންސިލުން އެކަން ހުއްޓުވައިފި އެވެ.
ޝެއިޚު އާދަމް ޝަމީމް މެދުވެރިކޮށް "ޣީބަބުނުމާ ބެހޭގޮތުން" އޮމަދޫ ރައްޔިތުންނަށް ދީނީ ދަރުސްދިނުމުގެ ހުއްދައަކަށް އެކައުންސިލްގައި އެދުނީ އެރަށު ކިލަންމާގޭ މުހައްމަދު އަޒުމީލް އެވެ.
އޭނާ އިއްޔެ ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ މިވަގުތު ރަށުގެ މަސްލަހަތު ހުރިގޮތުން ދަރުސްދިނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެރަށުގައި ދީނީ ދަރުސްދިނުމުގެ ހުއްދަ ދެވެން ނެތްކަމަށް އޮމަދޫ ކައުންސިލްގެ ސިޓީގައި ވަނީ ބުނެފަ އެވެ.
ދަރުސް ދިނުމަށް އޮމަދޫ ކައުންސިލުން ހުރަސްއެޅިނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު ޝެއިޚު ޝަމީމް ވަނީ ރޭ އެރަށުގައި ދަރުސްދީފަ އެވެ.
އޮމަދޫން ވާހަކަދެއްކި މީހަކު ބުނީ ރޭ 8:45 ގައި ބޭއްވި ދަރުސްގައި ރަށުގެ ގިނައަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށާއި އެކަމުގައި ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.
ރައްޔިތުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަގުސަދުގައި ދީނީ އިލްމުވެރީން ދަރުސްދޭން އުޅުމުން މީގެކުރިން ވެސް ބައެއް ކައުންސިލްތަކުން އެކަން ހުއްޓުވާފައި ވެއެވެ.