ގއ. އަތޮޅު އޮފީހުގެ ސިވިލް ސާވިސްގެ ދެ މުވައްޒަފެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސްއެޅި މައްސަލައިގާ ހޯމް މިނިސްޓަރުގެ މައްޗަށާއި އަތޮޅު ކައުންސިލަރުގެ މައްޗަށް ދައުވާ ކުރާގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.


 ސީއެސްސީ އީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އަތޮޅު ކައުންސިލަރު ތައުފީގު އަބްދުﷲ، އަތޮޅު ވެރިޔާގެ އިސް އެހީތެރިޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުރަސްއަޅުއްވާފައިވާ ކަމަށާއި 15 އޮކްޓޯބަރުން ފެށިގެން އޭނާގެ މުސާރަ ވެސް ހިފަހައްޓާފައި ވާކަމަށެވެ.


އެ ބަޔާނުގައި ވާގޮތުން ހޯމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޔޫސުފް ރިޔާޒް މޫސާ އަށް މި އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ދީފައިނުވާތީ އެ މައްސަލައިގެ ދައުވާ ކުރާނީ ހޯމް މިނިސްޓްރީގެ މައްޗަށް ކަމަށެވެ.


އެ ދެ މައްސަލައިގައި ވެސް އެ ކޮމިޝަނުން ކޯޓަށް ދާން ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ޓުރައިބިޔުނަލުން އެ ދެ މުވައްޒިފުން ވަޒީފާ އިން ވަކިކުރި ކުރުން ބާތިލްކޮށްފައި ވަނިކޮށް އެކަމަށް އެއްވެސް އިހުތިރާމެއް ނުކުރުމާއި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތަކަށް އެއްވެސް ކުރި އެރުމެއް ލިބިފައި ނުވާތީ ކަމަށް ސީއެސްސީގެ ބާޔާނުގައިވެ އެވެ.


ސިވިލް ސާވިސްގެ މުވައްޒިފުންގެ ވަޒީފާގެ ކަންކަމަށް ބައެއް ފަރާތްތަކުން ބާރުފޯރުވަމުން ގެންދާތީ އެ ނޫސް ބަޔާނުގައި އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.


"އެހެން ފަރާތަކުން ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާ އާ ގުޅޭކަންކަން ހިންގުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސިވިލް ސާވިސް ކޮމިޝަނުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް މި ފުރުސަތުގައި އާންމު ކޮށް ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.


ސީއެސްސީ އިން ބުނީ އެ ދެ މުވައްޒަފުންގެ މައްސަލާގައި ކޯޓަށް ދިއުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާ އިން ނިންމާފައިވާ ކަމަށާއި ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ހިންގުމު ބާރު ލިބިގެންވާ ބަޔަކީ ވެސް އެ ކޮމިޝަން ކަމަށެވެ.