15 Dec 2013, 08:35
ކަޅުބިލަ މަހެއް ކެނޑުމަކީ އާއްމުކޮށް އެކަން ކޮށް ނޫޅޭ މީހަކަށް އުދަނގޫވާނެ ކަމެކެވެ. އެކަން އާއްމުކޮށް ކޮށް އުޅޭ މީހަކަށް ވެސް މިނެޓެއްގެ ތެރޭގައި މަހެއް ކަނޑާ، ސާފުކުރުމަކީ އުދަނގޫ ކަމަކަށް ގިނަ ފަހަރުވެ އެވެ.
މަސްވެރިންގެ ދުވަސް ދ. މީދޫގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު ހަރަކާތަކަށް ފެނިގެން ދިޔައީ މަސް ކެނޑުމުގެ މުބާރާތެވެ. ކޮންމެ ފަހަރަކު ވެސް މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، އެކަން އޮންނަ ރަށަކަށް ހުޅުވާލައިގެން ކުރިއަށްދާ އެ މުބާރާތުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރިވެ އެވެ.
މުބާރާތް ކުރިއަށް ދަނީ އަންހެން އަދި ފިރިހެން ބަޔަށް ބަހާލައިގެން ނެވެ.
މިފަހަރު ދ. މީދޫގައި އޮތް މަސް ކެނޑުމުގެ މުބާރާތުގެ އަންހެން ބައިން އެއް ވަނަ ހޯދި ހައްވާ އަހުމަދު ކަޅު ބިލަ މަހެއް ކަނޑާ، ސާފުކޮށް، ކިބަ ވަކިކޮށް ނިންމާލާފައި ވަނީ އެންމެ 43 ސިކުންތުން ނެވެ.
ފިރިހެން ބައިން އެއްވަނަ އަށް ހޯދާފައި ވަނީ އެއް މިނެޓާއި ފަސް ސިކުންތުން މަސް ކަނޑާ ނިންމާލައިގެން ނެވެ.
މަސްވެރިކަމަކީ އާއްމުކޮށް ފިރިހެނުންގެ ހަރަކާތްތެރިކަން ބޮޑަށް ފެނިގެންދާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވޭ ނަމަވެސް، މިފަހަރު ފިރިހެނުންގެ މައްޗަށް އަންހެނެއް ކާމިޔާބު ހޯދައިފި އެވެ. ހާހަކަށް ވުރެ ގިނަ މީހުންގެ އާބާދީއާ އެކު 27 މަސް ދޯނި ދުއްވާ މީދޫގައި މިއީ އާދައިގެ ކަމެއް ނޫނެވެ.
"ސަން"އާ ވާހަކަ ދައްކަމުން ހައްވާ އަހުމަދު ބުނީ މަސް ކަނޑަށް ދަސްކުރީ ގޭ ތެރޭގައި އެކަން ކުރަން ފަށައިގެން ކަމަށެވެ.
އާއްމުކޮށް ވެސް މަސް ކަނޑަނީ މިހާ އަވަހަށްތޯ ސުވާލު ކުރުމުން ހައްވަ ބުނީ އާއްމުކޮށް އެކަން ކުރަނީ ވަރަށް ހަމަޖެހިލައިގެން ކަމަށެވެ. ނަމަވެސް މުބާރާތެއް ކަމަށް ވުމުން ސްޕީޑް އަވަސް ކޮށްލީ ކަމަށް ހައްވަ ބުނެ އެވެ.
"ގޭ ތެރޭގައި އުޅޭ އިރު ކުރަން. އެހާ އަވަހަކަށް ނޫން ކަނޑަނީ [އާއްމުކޮށް]. މުބާރާތުގައި ތަންކޮޅެއް އަވަސްކޮށްލީ،" ހައްވަ ބުންޏެވެ.
ސާޅީސް ތިން ސިކުންތުން މަސް ކަނޑައި ނިންމާލުމުން ރަށު ރައްޔިތުންގެ ފަރާތުން ހައްވައަށް ހޫނު މަރުހަބާ އެއް ކިޔެވެ.
މުޅި މުބާރާތުން އަންހެން އަދި ފިރިހެން ބައި އެއްކޮށް އެއްވަނަ ނުހޮވިޔަސް، ހައްވަ ވަނީ އެ މުބާރާތުން ވަނަ ހޯދާފަ އެވެ. ރަށު މީހުން ވެސް ގަބޫލު ކުރަނީ ހައްވައަކީ އެ މުބާރާތުގެ އެއް ވަނައިގެ ގޮތުގަ އެވެ.
މަސްވެރިކަމަކީ ޒަމާނުއް ސުރެ ފިރިހެނުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ސިނާއަތެއްގެ ގޮތުގައި ސިފަކުރެވެމުން އައި ނަމަވެސް، މަސްވެރިކަމުގެ އެންމެ މުހިއްމު ބައިގާ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ އަންހެނުންގެ އެވެ.
އެއީ މަސް ކައްކާ، ހިއްކުމަށް ފަހު، ނިމޭ އިރު އޮންނަ ޕްރޮޑަކްޓް އުފެއްދުމުގައި އަންހެނުން އަދާކުރާ ދައުރެވެ.