ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މީޑިއާ ޕާޓުނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެ ޓީވީއާ އެކު އެ ކްލަބުން ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

މީޑިއާ ޕާޓްނާޝިޕް އެއްބަސް ވުމުގައި ސޮއިކުރުން އޮތީ ހޮނިހިރު ދުވަހުގެ ރޭ 9:30ގައި އެފްއޭއެމް ހައުސްގަ އެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. އަދި ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސަލީމް (ސައްލެ) އެވެ.

ނިއުގެ ޗެއާމަން ވިދާޅުވީ ރާއްޖެޓީވީގެ އެދުމުގެ މަތިން އެ ޓީވީއާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމީ ކްލަބުގެ ބޯޑުގެ އިއްތިފާގުން ކަމަށެވެ.

"މިރޭ އަޅުގަނޑުމެންގެ ބޯޑު ބައްދަލުވުމަކަށްފަހު ނިންމީ ދެއަހަރު ދުވަހުގެ މުއްދަތަށް ކްލަބުގެ ޓީވީ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީ ސްޕޯޓްސް ހަމަޖައްސަން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަނެއްކާވެސް ދިވެހި ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް އަދި ތަރައްގީ އެއް،" ބަލަކު ވިދާޅުވި އެވެ.

ބަލަކު ވިދާޅުވީ ރާއްޖެ ޓީވީއާއެކު ވެވުނު އެއްބަސް ވުމުގެ ސަބަބުން ދެފަރާތަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މިއެދެނީ ފުޓްބޯޅައިގެ ހަބަރުތައް ތާޒާކަންމަތީ ހޯދަން. މި އެއްބަސް ވުމުގެ ދަށުން ރާއްޖެ ޓީވީން ޖެހޭނެ އަޅުގަނޑުމެންގެ ހަބަރުތައް ތާޒާކޮށް ގެނެސްދޭން... މިއަދު ކުޅޭ މެޗެއްގެ ހަބަރު ދައްކާއިރު ކުރިން ކުޅެފައިވާ މެޗެއްގެ އުސްއަލިތަށް ގެނެސްދީގެން ނުވާނެ،" ބަލަކު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ކްލަބުގެ މީޑިއާ ޕާޓްނަރަކަށް ވުމަކީ އެ ޓީވީއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގަ އެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް... ރާއްޖޭގެ އެންމެ ބޮޑު ކްލަބުގެ މީޑިއާ ޕާޓުނަރެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެހިގެން ދިޔަ ނަމަވެސް ކުޅިވަރު އެސޯސިއޭޝަންތަކާއި އެހެން ކްލަބުތަކަށް ރާއްޖެޓީވީންދޭ ސަމާލުކަން ކުޑަވެގެނެއް ނުދާނެ،" ސައްލެ ވިދާޅުވި އެވެ.

ނިއުގެ ޗެއާމަން ވިދާޅުވީ މި އެއްބަސްވުމާ ގުޅިގެން އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު ކުޅޭ މެޗުތަކުގައި އެ ކްލަބުގެ މީޑިއާ އޮފިޝަލަކަށް ވެގެންދާނީ ރާއްޖެޓީވީން ހަމަޖައްސާ ފަރާތެއް ކަމަށާއި އަދި އެ ކްލަބުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނިއު ރޭޑިއަންޓް ނައިޓް ދެން ފެނިގެންދާނީ ރާއްޖެޓީވީން ކަމަށެވެ.