15 Dec 2013, 02:06
މިހާރު ކުރިއަށްދާ 21 ވަނަ ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ވީ ޔުނައިޓެޑާ ވާދަކޮށް 40 ޕޮއިންޓުގެ ތަފާތުން އެލްކުޔު ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ވީ އަތުން އެލްކިޔު މޮޅުވީ 96-56 ޕޮއިންޓުންނެވެ. މި މެޗުގައި އެލްކިޔު އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 18 ޕޮއިންޓް ހޯދި މުހައްމަދު ލަޔާން އެވެ. ލަޔާން ވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ވީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޝަހުދާން އާމިރުއާއި އަލީ ރުޒާމް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ 11 ޕޮއިންޓު ހޯދައިދީފަ އެވެ.
މި ނަތީޖާއާ އެކު ފަސް ޓީމު ހިމެނޭ ގްރޫޕް ދޭއްގައި ފަސް މެޗު ކުޅެގެން ހަތް ޕޮއިންޓާ އެކު އެލްކިޔު ވަނީ ގްރޫޕުގެ ތިން ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. މުބާރާތުގައި ކުޅުނު އެއް ވެސް މެޗަކުން މޮޅު ނުވެ ވީ އޮތީ ފަސް ޕޮއިންޓާ އެކު ގްރޫޕުގެ ފުލުގަ އެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އަށް ޕޮއިންޓާއެކު ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތް ރެޑްލައިން ކްލަބާއި ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކްލަބެވެ. އަދި އާދީއްތަ ދުވަހުގެ ރޭ 8:30ގައި ކުޅޭ މެޗުގައި ވާދަކުރާނީ މި ގްރޫޕުގެ ދެވަނައިގައި ހްތަ ޕޮއިންޓާއެކު އޮތް ދިވެހި ސިފައިންގެ ކްލަބާއި ވީ ޔުނައިޓެޑް އެވެ.
މި މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ދެވަނަ ބުރުގެ ކުޅުން ނިމޭއިރު ދެ ގްރޫޕުގެ އެއްވަނައިގައި އޮންނަ ދެޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއި ދެ ގްރޫޕުގެ ދެވަނައަށްދާ ދެޓީމު ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމާއި ފުރަތަމަ ސެމީން ބަލިވާ ޓީމާ ދެމެދު ތިންވަނަ ސެމީއެއް ކުޅެ އެ މެޗުން މޮޅުވާ ޓީމެކެވެ.