14 Dec 2013, 23:45
ގައުމީ ޓީމާއި އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) އެ ކްލަބާއެކު ވެފައިވާ އެއްބަސް އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކޮށްފި އެވެ.
ނިއުގެ ޗެއާމަން އަލީވަހީދު (ބަލަކް) މިރޭ "ސަން"އަށް ވިދާޅުވީ، އެ ކްލަބުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ވައިސް ކެޕްޓަން ނިއުގައި އިތުރު އަހަރަކު މަޑުކުރަން ނިންމީ މިރޭ ކަމަށެވެ.
"އިންމަ މި ކްލަބަށް އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް ކުޅުމަށް ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާނެ،" މިރޭ އެފްއޭއެމްގައި އޮތް ނޫސް ކޮންފަރެންސްގައި ސަންއިން ކުރި ސުވާލުގެ ޖަވާބުގައި ބަލަކް ވިދާޅުވި އެވެ.
އިންމަ މިރޭ ނިއު އަށް ސޮއިކުރިއިރު އެ ކްލަބުގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި އަކުރަމް އަބްދުލްޣަނީ، ލޯނު އެއްބަސްވުމެއްގެ ދަށުން ފަސް މަސްދުވަހުގެ މުއްދަތަށް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބަށް ދޫކުރުމަށް ނިއުގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
ބަލްކް ވިދާޅުވީ، މިދިޔަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑާ އެކު އެތެރޭގެ ހުރިހައި މުބާރާތެއްގެ ތަށި، ނިއު އިން ކާމިޔާބުކުރި އިރު އެކްލަބްގައި ތިބި މުހިއްމު ތިން ކުޅުންތެރިން ކްލަބާ ދުރަށް ދިއުމުން މުޅި ޓީމަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"ދަގަނޑޭ މިވަނީ މެލޭޝިއާގެ ޓީމަކާ ގުޅިފައި. ސެންޓޭއާއި އަކޫ ޖެނުއަރީ ހަތަރަކުން ފެށިގެން މޭ މަހުގެ ނިޔަލަށް ކުޅޭނީ ސޫރު އަށް. މިއީ އަޅުގަނޑުމެންގެ ވަރަށް މުހިއްމު ތިން ކުޅުންތެރިން. އެހެން ކަމުން އަޅުގަނޑުމެންގެ ކްލަބަށް އެބަޖެހޭ ޓްރާންސްފާ ޝަފްލްއެއް އަންނަން،" ބަލަކު ވިދާޅުވި އެވެ.
ބަލްކު އިތުރަށް ވިދާޅުވީ، ކްލަބުގެ މުހިއްމު ކުޅުންތެރިން ތަކެއް ޓީމާ ވަކިވާއިރު އޭގެ ބަދަލުގައި ހަމަ އެ ފެންވަރުގެ ހަތަރު ކުޅުންތެރިން ކްލަބަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމު އެކުލަވާލާފައި މިވަނީ މުހިއްމު ކުޅުންތެރިންތަކެއްގެ މައްޗަށް. އެ ކުޅުންތެރިން ދިއުމުން އެބަޖެހޭ ބަދަލުގައި ކުޅުންތެރިން ހޯދަން. ތިން ކުޅުންތެރިން ދިޔައިމަ ބަދަލުގައި އެ ފެންވަރުގެ ހަތަރު ކުޅުންތެރިން އިތުރަށް ގެންނާނަން،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.
ނިއު އިން ވަނީ އަންނަ ސީޒަނަށް ކްލަބް ވަރުގަދަ ކުރުމަށްޓަކައި މިހާރު ސްކޮޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން މުހައްމަދު އުމެއިރު (އުމޭ)އާއި އަހްމަދު ނިޔާޒު (ނިޔާ)ގެ އިތުރުން އަހްމަދު އަބްދުﷲ (ލިލީ)ގެ ކޮންޓްރެކްޓް ވެސް ދެއަހަރު ދުވަހަށް އިތުރުކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި އެ ކްލަބާ ގުޅިފަ އެވެ.
ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.