14 Dec 2013, 23:18
ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ އަލީފާސިރު (ސެންޓޭ)އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) ލޯން ޓްރާންފާއެއްގެ ދަށުން ފަސް މަސް ދުވަހަށް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބަށް ދޫކުރުމަށް ނިއުގެ ބޯޑުން މިރޭ ނިންމައިފި އެވެ.
ނިއުގެ އިދާރާ އެފްއޭއެމް ހައުސްގައި މިރޭ އެ ކްލަބުން ބޭއްވި ނޫސްކޮންފަރެންސެއްގައި ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ސެންޓޭއާއި އަކޫ އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސޫރު އަށް ދޫކުރަން ނިންމީ މިރޭ ބޭއްވި ކްލަބުގެ ބޯޑު މީޓިންގައި ކަމަށެވެ.
"އޮމާންގެ ސޫރު ސްޕޯޓްސްގެ ޕްރެޒިޑެންޓްގެ ފަރާތުން އަޅުގަނޑުމެންނަށް ވަނީ، އަކޫއާއި ސެންޓޭ ދޫކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައި. އަޅުގަނޑުމެންގެ ބޯޑު އިއްތިފާގުން ނިންމީ އެ ދެކުޅުންތެރިން ފަސް މަސް ދުވަހަށް ދޫކުރަން. އެހެން ވީމާ ޖެނުއަރީ ހަތަރަކުން ފެށީގެން މޭ މަހުގެ ނިޔަލަށް އެ ކުޅުންތެރިން ތިބޭނީ ސޫރު ގައި،" ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ، ސެންޓޭއާއި އަކޫ ލޯން އެއްބަސްވުމެއްގެ ދަށުން ދޫކުރުމަށް އެ ކްލަބުން ނިންމީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ނިއު އިން ބޭނުން ވާތީ ކަމަށާއި އަދި އެ ޓްރާންސްފާގެ ސަބަބުން މާލީ ގޮތުން ކްލަބަށް އެއްވެސް ފައިދާއެއް ނުލިބޭނޭ ކަމަށެވެ.
"މިއީ ނިއުގެ ތާރީހުގައި އަނެއްކާ ވެސް އުފާވެރި ދުވަހެއް. އަޅުގަނޑުމެންގެ ބޯޑުން ނިންމީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މިފަދަ ފުރުސަތެއް ލިބުމުން އެ ފުރުސަތު ގެއްލިގެން ދިޔަ ނުދޭން. އެކަމަކު މި ޓްރާންސްފާގެ ސަބަބުން މި ކްލަބަށް މާލީ އެއްވެސް ފައިދާއެއް ނުކުރާނެ. ޖުލައި ޓްރާންފާގައި ޓްރާންފާ ފީ ދައްކާފައި އަޅުގަނޑުމެން އަކޫ ވެސް ގެނައީ. އެހެންވީމަ އެގޮތުން އަޅުގަނޑުމެންނަށް ލިބޭނީ ގެއްލުން،" ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ، ނިއުގެ އެ ކުޅުންތެރިން ފެންވަރު ބަލަމުން ގެންދާނެ ކަމަށާއި އަދި އެ ކުޅުންތެރިން ސޫރުގައި އިތުރަށް މަޑުކުރަން ފުރުސަތު ލިބިއްޖެ ނަމަ އެކަމާ ދޭތެރޭގައިވެސް ކްލަބުން ވިސްނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އާ ކޯޗު އެންޖަލް ޕެރޭޒް ގާސިއާ އަންނަ މަހު ޓީމާ ހަވާލުވުމަށް ފަހު، ސެންޓޭއާއި އަކޫގެ ޕާފޮމަންސް ބަލަމުން ގެންދާނެ، އަދި މޭގެ ފަހުން އެކުޅުންތެރިން އެނބުރި ކްލަބާ ގުޅޭނެ. ފަހަރެއްގައި އެ ކުޅުންތެރިން ސޫރުގައި އިތުރަށް މަޑު ކުރަން ފުރުސަތު ލިބިއްޖެ ނަމަ އެކަމާ ދޭތެރޭގައި ވެސް ކްލަބުން ރަނގަޅު ނިންމުމެއް ނިންމާނެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ފުޓްބޯޅަ ކުރިއަރުވަން،" ބަލަކް ވިދާޅުވި އެވެ.
އޮމާނުގައި ސެންޓޭއާއި ކުޅެންޖެހޭނީ ހުސްވި ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ނިއު އަށް ދިވެހި ލީގާއި އެފްއޭ ކަޕް ހޯދައިދިން ބަލްގޭރިޔާ ކޯޗު ވެލިޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުންނެވެ.