އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މިއަދު ހެލިކޮޕްޓަރެއް ހަދިޔާ ކޮށްފި އެވެ.

އިންޑިއާގެ ކޮޗިންގައި ގާއިމްކޮށްފައިވާ ސަދަން ނޭވަލް ކޮމާންޑްގައި މިއަދު އޮތް ރަސްމިއްޔާތުގައި މިހެލިކޮޕްޓަރ ރަމްޒީ ގޮތުން ހަވާލުކޮށްދެއްވީ އިންޑިއާގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރު ކޮމާންޑިންގ ޗީފް ވައިސް އެޑްމިރަލް ސަތިޝް ސޯނީ އެވެ.

އެ ރަސްމިއްޔާތުގައި ހެލިކޮޕްޓަރުގައި އަޅާފައިވާ ފޮތިގަނޑު ކަޝްފުކޮށްދެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އެވެ. އަދި ރާއްޖޭގެ ފަރާތުން ހެލިކޮޕްޓަރާ ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރުއެވެ.

އިންޑިއާއިން ކުރި މި ހެލިކޮޕްޓަރަކީ އެގައުމުގެ އަސްކަރިއްޔާގެ ދުރޫވް މަރުކާގެ އެޑްވާންސް ލައިޓް ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު އަންނަ ފެބްރުއަރީ މަހުގެތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.