14 Dec 2013, 16:49
އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ އެމްނެ މުއްސަނދި އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މަގާމް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީއަށް ލިބިއްޖެ އެވެ.
ރޫނީއަށް އެންމެ މުއްސަނދި އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބިފައިވާ އިރު އޭނާގެ މިލްކިއްޔާތުގައި 45 މިލިޔަން ޕައުންޑު ހުރިކަމަށް ވެއެވެ.
އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި 10 ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑްގެ ހަތަރު ކުޅުންތެރިން ހިމެނޭއިރު އޭގެ ތެރޭގައި ޗެލްސީގެ ތިން ކުޅުންތެރިން ހިމެނެ އެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ ޔުނައިޓެޑްގެ ރިއޯ ފާޑިނަންޑް އެވެ. އޭނާގެ މިލްކިއްޔާތުގައި 37 މިލިއަން ޕައުންޑު ހުރިއިރު، އެއީ ރޫނީ އަށް ހަފްތާގެ އުޖޫރައިގެ ގޮތުގައި ލިބޭ 250000 ޕައުންޑަށް ބަލާއިރު އަށް މިލިއަން ޕައުންޑު މަދު އަދަދެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލިސްޓުގެ ތިންވަނައިގައި އޮތް ޗެލްސީގެ ފްރޭންކް ލަމްޕާޑުގެ މިލްކިއްޔާތުގައި ހިމެނެނީ 31 މިލިއަން ޕައުންޑެވެ. އަދި ހަތަރު ވަނައިގައި އޮތް ޗެލްސީގެ ކެޕްޓަން ޖޯން ޓެރީއާއި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް މިއިން ކޮންމެ ކުޅުންތެރިއެއްގެ އަތުގައިވެސް 29 މިލިއަން ޕައުޑުގެ މުދާވެރިކަން ހުރިކަމަށް ވެއެވެ.
ލިސްޓުގެ ހަވަނައިގައި އޮތީ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ޖޯ ކޯލް އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކޯލް 2010 ވަނަ އަހަރު ފަސް މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ނަމަވެސް އޭނާގެ މިލްކިއްޔާތުގައި 22 މިލިއަން ޕައުންޑު ހުރިކަމަށް ވެއެވެ. ޖޯ ކޯލްގެ ފަހަތުން ލިސްޓުގެ ހަތްވަނައިގައި އޮތީ ޗެލްސީގެ ލެފްޓް ބެކް އެޝްލީ ކޯލް އެވެ. އޭނާގެ މިލްކިއްޔާތުގައި 20 މިލިއަން ޕައުންޑުގެ އަގު އެބަ ހުއްޓެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މައިކަލް ކެރިކް އަށް 16 މިލިއަން ޕައުންޑުގެ މިލްކިއްޔާތާ އެކު ލިސްޓުގެ އަށް ވަނަ މަގާމް ލިބޭއިރު ލިސްޓުގެ ނުވަ ވަނައިގައި 13 މިލިއަން ޕައުންޑުގެ މިލްކިއްޔާތަކާ އެކު އޮތީ ޔުނައިޓެޑްގެ އެޝްލީ ޔަންގުގެ ނަމެވެ.
އަދި ހަމަ 13 މިލިއަން ޕައުންޑުގެ އަގުހުރި މިލްކިއްޔާތާ އެކު ލިސްޓުގެ 10 ވަނަގައިގައި އޮތީ މެންޗެސްޓާ ސިޓީގެ ޖޭމްސް މިލްނާ އެވެ. މިލްނާ އަކީ އެ ލިސްޓުގައި އޮތް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.