14 Dec 2013, 16:45
ޕާކިސްތާނަށް ކިޔަވަން ގޮސް އުޅުނު ދިވެއްސަކު، އަފްގާނިސްތާނަށް ގޮސް އުޅެނިކޮށް ބޮމުގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ.
އަފްގާނިސްތާނުގައި މަރުވި ދިވެއްސަކީ ގއ. ދާންދޫ، އޭޝިޔާ، އާމިރު މޫސާ، 28، އެވެ.
އޭނާގެ ދައްތަ ނާޝިދާ މޫސާ މިއަދު "ސަން"އަށް ވިދާޅުވީ ކޮއްކޮ މަރުވީ މީގެ ދެ މަސްކުރިން ކަމަށެވެ. އަދި ކޮއްކޮ މަރުވި ހަބަރު އާއިލާއަށް ލިބުނީ އިއްޔެ ކަމަށާއި އެ ހަބަރު ދިނީ ޕާކިސްތާނުގައި ހުރި ކޮއްކޮގެ އަންހެނުން ކަމަށެވެ.
"ކޮއްކޮ ޕާކިސްތާނަށް ދިޔައީ ކިޔަވަން. ޕާކިސްތާނުން އަފްގާނަށް ގޮސް އުޅެނިކޮށް، ބަޔަކު ބޮން ގޮއްވާލުމުން މަރުވި ކަމަށް އޭނާގެ އަންހެނުން ކިޔައިދިނީ،" ޕާކިސްތާނުގައި މަރުވި ޒުވާނާގެ ދައްތަ ބުންޏެވެ.
ނާޝިދާ ބުނި ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން ކޮއްކޮ އުޅެނީގެ އޭނާގެ ހަތަރު ދަރިންނާއެކު ޕާކިސްތާނުގަ އެވެ. އޭނާގެ އަންހެނުންނަކީ ވެސް ދިވެއްސެކެވެ. ކޮއްކޮ މަރުވުމާ ގުޅިގެން އޭނާގެ އަންހެނުންނާއި ހަތަރު ދަރިން އެނބުރި ރާއްޖެ އަންނާނެ ކަމެއް އަދި ނޭނގޭ ކަމަށް ނާޝިދާ ބުންޏެވެ.
އަފްގާނިސްތާނުގައި މަރުވި އާމިރާ ގުޅެ ގޮތުން ރަށު ތެރޭގައި ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ނާޝީދާ ބުނީ "ކޮއްކޮއަކީ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ނޫން" ކަމަށެވެ. އޭނާގެ ވާހަކަތައް ދުވަހަކު ވެސް އެފަދަ ގޮތަކަށް ނުގެންގުޅޭ ކަމަށް ވެސް ބުންޏެވެ. އަދި ޕާކިސްތާނުގައި ކިޔަވަން ފެށި ފަހުން "ބަރާބަރަށް" އާއިލާއަށް ގުޅަމުންދާ ކަމަށާއި ނަމަވެސް އިއްޔެ އެ ހަބަރު ލިބުނު އިރު އާއިލާއަށް ނުގުޅާތާ ހަ މަސް ވެއްޖެ ކަމަށް ނާޝިދާ ބުންޏެވެ.