މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނޫޒާ އޭނާގެ ފުޓްބޯޅަ ކެރިއަރު އެއްކޮށް ހޭދަކުރަން ބޭނުންވަނީ އޯލްޑް ޓްރްފޮޑްގައި ކަމަށް އޭނާ ބުނެފި އެވެ.

އެމްޔޫޓީވީއަށް ދިން ހާއްސަ އިންޓަވިއުގައި ޔަނޫޒާ ބުނީ، އޭނާ އެންމް ފުރަތަމަ އިސްކަމެއް ދިނީ ޔުނައިޓެޑާ ގުޅުމަށް ކަމަށާއި މިހާރު ބޭނުންވަނީ، އެޓީމުގައި ކެރިއަރު ނިމެންދެން މަޑުކުރަން ކަމަށެވެ.

"އަހަރެންގެ އެންމެ ފުރަތަމަ ވިސްނުމަކަށްވީ މެންޗެސްޓާ ޔުނައިޓެޑަން ސޮއިކުރުން. މިހާރު ސޮއި ކުރެވިއްޖެ އަދި އަހަރެން ކްލަބުގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. އަހަރެންނަށް ފުޓްބޯޅަ ކެރިއަރު އެއްކޮށް މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރަން ލިބިއްޖެ ނަމަ އެކަން ކުރަން ތައްޔާރަށް މިހިރީ،" 18 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ޝަކްތާ ޑޮނެޓްސްކް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗަކީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ޔަނޫޒާ ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑުން ވަނީ މިދިޔަ އޮކްޓޫބަރު ޔަނޫޒާއާ އެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބްސް ވުމެއްގައި ސޮއިކޮށްފަ އެވެ.

ޔަނޫޒާ ބުނީ އޭނާ އެންމެ ކުޅެން ބޭނުންވާ މަގާމަކީ ޖާޒީ ނަމްބަރު 10 ކުޅޭ ޕޮޒިޝަން ކަމަށާއި އަދި އޭނާގެ އުންމީދަކީ ކޮންމެ ވެސް ދުވަހަކުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުން ކަމަށެވެ.

"އަހަރެން އެންމެ ކުޅެން ބޭނުންވަނީ، ފޯވާޑުގެ ފަހަތުން 10 ނަންބަރު ކުޅޭ ޕޮޒިޝަނަށް،" ޔަނޫޒާ ބުންޏެވެ. "އަހަރެންގެ އާއިލާއިން އަބަދުވެސް ބުނަމުން ގެންދިޔައީ، އަމިއްލަ ފައިމަށްޗަށް ތެދުވުމަށް އަދި އަހަންނަށް ކުރެވޭ ކަމެއް ނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން."

ޔަނޫޒާ ބުނީ ކޯޗު އޭނާއަށް ކުޅެން ހަވާލުކުރާ ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނޭ ކަމަށާއި އެގޮތުން ވިންގަށް ކުޅުވި ނަމަވެސް އަދި ލެފްޓް ބެކަށް ކުޅުވި ނަމަވެސް އޭނާގެ މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެންމެ ކުޑައިރުއްސުރެން ވެސް އޭނާ އެންމެ ބޭނުމީ މިޑްފީލްޑަށް ކުޅެން ކަމަށެވެ.