14 Dec 2013, 15:44
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހުކުރު ދުވަހު އިއުލާނުކުރި ފީފާ ކޮކާ ކޯލާ އަންހެން ވޯލްޑް ރޭންކިންގައި ރާއްޖެއަށް ތިން ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މިއަހަރުގެ އޯގަސްޓް މަހު ފީފާއިން އިއުލާންކުރި އަންހެން ފުޓްބޯޅަ ރޭންކިންގައި ހަ ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ރާއްޖެއިން ދުނިޔޭގެ 106 ވަނަ ހޯދާފައިވާއިރު މިފަހަރު ލިބުނު ތިން ދަރަޖައިގެ ކުރިއެރުމާއެކު މިހާރު ރާއްޖެ އޮތީ ދުނިޔޭގެ 103 ވަނައިގަ އެވެ. އެއީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ފަސްވަނަ އެވެ.
މި ސަރަހައްދުގެ އެއްވަނަ މަގާމުގައި އެއް ދަރަޖައިގެ ކުރިއެރުމަކާއެކު އަދި ވެސް އޮތީ އިންޑިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 49 ވަނައިގަ އެވެ.
ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ސަރަހައްދުގެ ދެވަނައިގައި އޮތް ނޭޕާލް އެވެ. އެގައުމު ވަނީ ފަސް ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ރޭންކިންގެ 94 ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.
ސަރަހައްގުގެ ފުލުގައި އޮތް ބޫޓާން ފިޔަވައި މި ސަރަހައްދުގައި ދެން ހިމެނޭ އެހެން ހުރިހާ ގައުމުތަކަކަށް ވެސް ތިން ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ބޫޓާން އޮތީ ދުނިޔޭގެ ރެންކިންގެ 115 ވަނައިގަ އެވެ.
ސަރަހައްދުގެ ތިން ވަނައިގައި އޮތް ބަނގުލަދޭޝް، ދުނިޔޭގެ ރޭންކިންގެ 100 ވަނަ އަށް ކުރިއަށް ޖެހިލިއިރު މި ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް ލަންކާ ވަނީ 101 ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ. ސަރަހައްދުގެ ހަ ވަނައިގައި އޮތް ޕާކިސްތާނަށް ދުނިޔޭގެ ރޭންކިންގެ 106 ވަނަ މަގާމް ލިބުނު އިރު ހަތްވަނައިގައި އޮތް އަފްޣާނިސްތާން އޮތީ ދުނިޔޭގެ ރޭންކިންގެ 108 ވަނަ މަގާމުގަ އެވެ. ދެ
އަންހެން ފުޓްބޯޅަ ރޭންކިންގައި ދުނިޔޭގެ ގަދަ ހަތަރަކަށް ބަދަލެއް އައިސްފައި ނުވާއިރު އެއް ދަރަޖައިގެ ކުރި އެރުމަކާ އެކު ފްރާންސް ވަނީ ފަސްވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ.
ފީފާ ކޮކާކޯލާ އަންހެން ވޯލްޑް ރޭންކިންގެ އެއްވަނައިގައި އޮތީ އެމެރިކާ އެވެ. އަދި ދެވަނައިގައި އޮތީ ޖަރުމަނެވެ. ތިންވަނައިގައި ޖަޕާން އޮތް އިރު ހަތަރު ވަނައިގައި އޮތީ ބްރެޒިލް އެވެ.