14 Dec 2013, 15:20
އެގްރީމެންޓާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކުރެއްވުމުން ދެ ފަނޑިޔާރަކަށް ފްލެޓް މިލްކުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ފްލެޓު މިލްކުވި ދެ ފަނޑިޔާރުންނަކީ ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ އާއި ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ކަމަށެވެ.
ތިން ފަނޑިޔާރަކަށް ފްލެޓް މިލްކުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރު ސިޓީ ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ.
ސަން އަށް މައުލޫމާތު ދެއްވި ސިޓީ ކައުންސިލްގެ މެމްބަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ފްލެޓް މިލްކުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރަމުންދާ ކަމަށާއި ނަމަވެސް 300،000 ވަރަކަށް ރުފިޔާގެ ޕޭމަންޓެއް އޭނާ އަދި ނުދައްކަވާ އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ފްލެޓް ހަވާލުކުރި އިރު ދެ އެގްރީމެންޓެއް ހެދިފައިވާ ކަމަށާއި އެއީ ޖުޑީޝަރީ އެގްރީމެންޓާއި ސިޓީ ކައުންސިލް އެގްރީމެންޓް ކަމަށެވެ. އަދި ވިދާޅުވީ އެ އެގްރީމެންޓުތަކުގައިވާ ގޮތުން ފުލް ޕޭމަންޓު ދައްކައި ޚަލާސް ނުކުރަނީސް ފްލެޓް މިލްކު ނުކުރެވޭނެ ކަމަށެވެ.
ފަނޑިޔާރު އަހްމަދު ޝަރީފާއި އަދީބު އަށް ފްލެޓް މިލްކުވެއްޖެ ކަމަށް ކަނޑައަޅައި ސިޓީ ކައުންސިލުން އެއްވެސް ނިންމުމެއް ފާސްކޮށްފައި ނުވާނެ ކަމަށާއި އެގްރީމެންޓާ އެއްގޮތަށް އެ ދެ ބޭފުޅުން ފައިސާ ދައްކައި ޚަލާސް ކުރެއްވުމުން ސިޓީ ކައުންސިލުން އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާނެ ކަމަށް ވެސް ސަން އަށް މައުލޫމާތު ދެއްވި ސިޓީ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާއި އަހްމަދު ޝަރީފްގެ އިތުރުން އަދީބު އަށް ފްލެޓް ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކަމަށެވެ.