ފޭސްބުކުން ގަނެފައިވާ ފޮޓޯ ހިއްސާކުރެވޭ މަޝްހޫރު އެޕްލިކޭޝަނެއް ކަމަށްވާ އިންސްޓަގްރާމުން ‘އިންސްޓަގްރާމް ޑައިރެކްޓް’ ކިޔާ އާ ފީޗާއެއް ތައާރަފްކޮށްފި އެވެ.

އިންސްޓަގްރާމް ޑައިރެކްޓް ބޭނުންކޮށްގެން، ހާއްސަކޮށްލެވޭ ރައްޓެހިން ތަކެއްގެ ތެރެއިން ގިނަވެގެން 15 މީހުންގެ ގުރޫޕުތަކާ ފޮޓޯ ހިއްސާކުރެވެ އެވެ. މީގެ ކުރިން އިންސްޓަގްރާމަށް ފޮޓޮއެއް ލައިފިނަމަ އެކައުންޓް ފޮލޯ ކުރާ ހުރިހާ އެންމެނަށް އެ ފޮޓޯ ފެނެއެވެ. އެއާ ހިލާފަށް މިހާރު ހަމައެކަނި އެންމެ މީހަކަށް ވެސް ފޮޓޯ ދައްކައިލެވިދާނެ އެވެ.

އިންސްޓަގްރާމް ޑައިރެކްޓް ތައާރަފްކުރުމުގެ ގޮތުން ނިއުޔޯކުގައި ބޭއްވި ހަފުލާއެއްގައި އިންސްޓަގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޮމް ބުނީ އިއްޔެއިން ފެށިގެން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް އިންސްޓަގްރާމް ޑައިރެކްޓް ލިބޭނެ ކަމަށެވެ.

އިންސްޓަގްރާމް ޑައިރެކްޓް ބޭނުންކުރުމަށް ޓަކައި ފުރަތަމަ ޖެހޭނީ އިންސްޓަގްރާމް އެޕްލިކޭޝަން އަޕްޑޭޓް ކުރާށެވެ. އަދި އެއަށްފަހު ފޮޓޮއެއް ނަގައި، ކުރިން ވެސް ހަދާ ގޮތަށް ފިލްޓާތައް ލައި މީހުން ޓެގްކޮށް، ކެޕްޝަންލައި ހަދަންވީ އެވެ. އެއަށްފަހު “ފޮލޮއާސް” އަށް ނުވަތަ “ޑައިރެކްޓް” އަށް ހިއްސާކުރުމުގެ އިހްތިޔާރު ފެންނާނެ އެވެ. ޑައިރެކްޓް އިހްތިޔާރުކުރުމުން އެ ފޮޓޯ ހިއްސާކުރަން ބޭނުންވާ މީހުން ސިލެކްޓުކޮށް އެމީހުންނަށް އެކަނި ފޮޓޯ ފެންނަ ގޮތަށް ހެދެ އެވެ.

ފޮޓޯ ލިބޭ ފަރާތުން ފޮޓޯ ބަލައިފިކަން އަނގައިދޭ ފީޗާއެއް ވެސް ޑައިރެކްޓުގައި ހުރެއެވެ. ލިބުނު މީހާ އަށް ފޮޓޯ ފެނިއްޖެ ނަމަ ފެހިކުލައިގެ ރަނގަޅު ފާހަގައެއް އެ މީހެއްގެ ޕްރޮފައިލް ފޮޓޯ ކައިރިއަށް އަރައެވެ. އަދި އެމީހަކު އެ ފޮޓޯ ‘ލައިކް’ ކޮށްފިނަމަ ފެހިކުލައިގެ ރަނގަޅު ފާހަގަ ރަތްކުލައިގެ ހިތަކަށް ބަދަލުވެ އެވެ.

ފޮލޯ ނުކުރާ މީހަކަށް ވެސް ޑައިރެކްޓް ބޭނުންކޮށްގެން ފޮޓޯ ފޮނުވިދާނެ އެވެ. ނަމަވެސް އޭރުން ފޮޓޯ ބެލުމުގެ އިހްތިޔާރު އޮންނާނީ ފޮޓޯ ލިބޭ ފަރާތަށެވެ. އޭތި ފެންނަން އޮންނާނީ ޕެންޑިން ރިކުއެސްޓެއްގެ ގޮތުގަ އެވެ. އަދި އެ ރިކުއެސްޓް ރިޖެކްޓުކޮށްލައިފި ނަމަ ދެވަނަ ފަހަރަ އެމީހާގެ ފަރާތުން ޑައިރެކްޓް ފޮޓޮއެއް ނާންނާނެ އެވެ. ނަމަވެސް އޭތި އެކްސެޕްޓް ކޮށްފިނަމަ ފޮޓޯ ދާނީ އިންބޮކްސް އަށެވެ. އޭރުން ފޮޓޯ ފެންނާނެ އެވެ.

ސިސްޓްރޮމް ބުނީ އިންސްޓަގްރާމް ޑައިރެކްޓުން ގިނަވެގެން 15 މީހުންގެ ގުރޫޕަކަށް ފޮޓޯ ފޮނުވޭ ގޮތަށް ހެދީ ސްޕޭމްކުރުން، ނުވަތަ ޖެއްސުންކުރުމުގެ ގޮތުން ބައިވަރު ފޮޓޯ އެއްފަހަރާ ފޮނުވުމަށް ފުރުސަތު ނުދިނުމަށެވެ. އަދި 15 މީހުންނަކީ ހާއްސަ ފޮޓޮއެއް ހިއްސާކޮށްލަން ބޭނުންވާނެ ގުރޫޕެއްގެ ހެޔޮވަރު ބޮޑުމިން ކަމަށް އޭނާ ބުންޏެވެ.

ސްޓާން އަގީ ކިޔާ ބްރޯކަރޭޖް ކުންފުންޏެއްގެ އެނަލިސްޓެއް ކަމަށްވާ އަރަވިންޑަ ބާޓައި ބުނީ އިންސްޓަގްރާމުން ޑައިރެކްޓް ތައާރަފްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިންސްޓަގްރާމާ އެއްގޮތް ފޮޓޯ ހިއްސާކުރާ އެޕްލިކޭޝަނެއް ކަމަށްވާ ސްނެޕްޗެޓާ ވާދަކުރުމެވެ. ދާދިފަހުން ސްނެޕްޗެޓް ގަތުމަށް ޓަކައި ފޭސްބުކުން 3 ބިލިއަން ޑޮލަރު ހުށެހެޅިއެވެ. ނަމަވެސް ސްނެޕްޗެޓް ގަނެވޭ ގޮތެއް ނުވިއެވެ.

އިންސްޓަގްރާމް ބޭނުންކުރާ 150 މިލިއަން މީހުން ދުނިޔޭގައި އުޅެއެވެ. އޭގެ ތެރެއިން 80 މިލިއަން މީހުންނަކީ މި އަހަރުތެރޭގައި އިންސްޓަގްރާމް ބޭނުންކުރަން ފެށި މީހުންނެވެ. 150 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު އެ އެޕްލިކޭޝަން ބޭނުން ކޮށްގެން ފޮޓޯ ހިއްސާކޮށް ހަދާކަމަށް އިންސްޓަގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޯމް ބުންޏެވެ.