މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ފަލަސްޠީނާއި ސޫރިޔާ އާއި އުރްދުނާއި ލުބްނާން ހިމެނޭ ސަރަހައްދަށް ބޯކޮށް ސްނޯ ފައިބައި، އެ ގައުމުތަކުގެ ޝަހަރުތަކުގައި ސްނޯގެ ބޯ ޗާދަރެއް ލެވިފައި ވާ ކަމަށް ބައިނަލްއަގުވާމީ ނޫސް އޭޖެންސީތަކުން ޚަބަރު ދީފިއެވެ.

މި ސަރަހައްދުތަކަށް ސްނޯ ފެއިބުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުވާ ކަމެކެވެ. ވެއަތުވެ ދިޔަ ތިން އަހަރު ޤުދުސްއަށް ސްނޯ ފެއިބި ނަމަވެސް، މި އަހަރު ފައިބައިފައި ވާ ވަރަކަށް އެ އަހަރުތަކުގައި ސްނޯ ފައިބައިފައެއް ނުވެއެވެ.

އިސްރާއީލުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ، ޤުދުސްގެ ސަރަހައްދަށް އެންމެ ފަހުން މިގޮތަށް ސްނޯ ފައިބައިފައި ވަނީ މީގެ 50 އަހަރު ކުރީން ކަމަށެވެ. ޤުދުސްގެ މަގުތަކުގައި ދިހަ ސެންޓިމީޓަރު ބޯމިނުގައި ސްނޯ ހުރި އިރު، ޝަހަރުގައި ދަތުރުފަތުރު ކުރުމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ސްނޯގެ ސަބަބުން އިސްރާއީލުގެ ޝަހަރުތަކުގެ އިތުރުން އުރްދުންގެ ޢައްމާން ފަދަ ޝަހަރުތަކުގައި ވެސް ސްކޫލްތަކާއި ކޮލެޖުތައް ވަނީ ބަންދު ކުރެވިފައެވެ.

ފަލަސްޠީނުގެ އިދާރާތަކުން ބުނާ ގޮތުގައި، ހުޅަނގު އައްސޭރީގެ ފަރުބަދަތައް ވަނީ ސްނޯގެ ފަށަލައަކުން ފޮރުވައިލެވިފައެވެ.

ސްނޯގެ ސަބަބުން ފެން ތިޔާގި ވެ، ބަޙުރުލް މައްޔިތުގެ ވަށައިގެން އޮންނަ ސަރަހައްދުގައި ފެންބޮޑު ވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޚަބަރުތައް ބުނެއެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ނިގިވް ސަހަރާގެ ސަރަހައްދަށް ވެސް މިއަދު ސްނޯ ފެއިބުން ގާތް ކަމަށެވެ.

އިއްޔެގެ ހެނދުނު ވެހެން ފެށި ސްނޯގެ އިތުރުން، ފަލަސްޠީނާއި އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑު ވެފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ހަނގުރާމައިގެ ހާލަތެއްގައި އޮތް ސީރިޔާގެ ދިމިޝްޤާއި ޙިމްސް ފަދަ ޝަހަރުތަކަށް ވެސް ބޯކޮށް ސްނޯ ފައިބައިފައި ވާ އިރު، އދ. އިން ބުނެފައި ވަނީ ސްނޯގެ ސަބަބުން ސީރިއާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުން ބުނާގޮތުގައި، ސަޢުދީ ޢަރަބިއްޔާގެ ތަބޫކް ސަރަޙައްދަށް ވެސް އިއްޔެ ވަނީ ވަރަށް ގިނައިން ސްނޯ ފައިބައިފައެވެ.

އާދަވެގެން ސްނޯ ނުފައިބާ ބޮޑު ސަރަހައްދަކަށް މި އަހަރުގެ ފިނި މޫސުމުގައި ސްނޯ ފައިބައިފައި ވާ އިރު، މިކަމާ ބެހޭގޮތުން ދުނިޔޭގެ މޫސުމާ ބެހޭ މާހިރުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މޫސުމާ ބެހޭ އިދާރާގެ ބޭފުޅަކު ވިދާޅުވެފައި ވަނީ މިއީ "އިއްތިފާގެއް" ކަމަށެވެ.