14 Dec 2013, 13:48
ރައްޔިތުންގެ މަޖިލިސް ހިންގުމަށް އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދެ ގުނައަށް ބޮޑުކޮށްދޭން މަޖިލީހުގެ އިދާރާއިން ބަޖެޓް ކޮމެޓީގައި އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީގެ ބަޖެޓް ކޮމެޓީގައި ވާހަކަދައްކަމުން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ އަންނަ އަހަރު މަޖިލީހަށް ދިނުމަށް ފިނޭންސް މިނިސްޓުރީއަށް 318 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރު ހުށަހެޅި ނަމަވެސް ފިނޭންސް އިން ދިނުމަށް ނިންމާފައި ވަނީ 149 މިލިއަން ރުފިޔާ ކަމަށެވެ. އަދި އިތުރަށް 169 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް ހިންގުމުގެ ހަދަރަށް މިދިޔަ އަހަރު މަޖިލީހުން ފާސްކޮށްފައި ވަނީ 161 މިލިއަން ރުފިޔާ އެވެ.
އަހުމަދު ވިދާޅުވީ މި އަންނަ އަހަރަށް މަޖިލީހުގެ ހަރަދުތައް ބޮޑު ވަނީ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތަށް މަޖިލީހުގެ މަސައްކަތް ބަދަލު ކުރަންޖެހޭތީ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ދާއިމީ 13 ކޮމެޓީން ކުރެ، ކޮންމެ ކޮމެޓިއަކަށް އެއް ރޫމަކާއި އޮފީހެއް ހެދުމަށް ނިންމާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. މަޖިލިސް މިހާރު ހިންގާ އިމާރާތުގައި ކޮމެޓީތައް ހިންގުމަށް ބޭނުން ކުރަނީ ތިން ރޫމެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ މަޖިލީހުގެ މިހާރުގެ އިމާރާތުގައި ހަދާފައިވާ މަޖިލީހުގެ ތަޅުން މަރާމާތު ކުރަންޖެހިއްޖެނަމަ، ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އާ އިމާރާތުގައި މަޖިލިސް ޖަލްސާތައް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އާ އިމާރާތުގެ ބޭނުންވާ ފަރުނީޗަރާއި އައިޓީގެ މަސައްކަތްތަކަށް ވެސް ބަޖެޓުން ބޮޑު ހަރަދެއް ބޭނުންވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ހިނގަމުން މިދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 މެމްބަރުންގެ އަދަދު، އަންނަ އަހަރު އިންތިހާބު ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް 85 މެމްބަރުންނަށް އިތުރުވެގެންދާނެ އެވެ. މަޖިލީހުގެ އަމީން އާންމު ވިދާޅުވި ގޮތުގައި މަޖިލީހަށް ދާދި ފަހުން އައްޔަން ކުރެއްވި ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސެކިއުރިޓީގެ ގޮތުގައި މަޖިލީހަށް ނަގާ 100 އޮފިސަރުންނާއެކު އަންނަ އަހަރު މަޖިލީހުގެ މުވައްޒަފުންގެ އަދަދު 153 އިތުރުވާނެ ކަމަށެވެ.
އަހުމަދު ވިދާޅުވީ މަޖިލީހުގައި މިހާރު އިމާރާތްތަކުރަމުންދާ އާ އިމާރާތައް ބޮޑެތި ހަރަދުތަކެއް ބޭނުންވާ ކަމަށެވެ. އެގޮތުން 157 މިލިއަން ރުފިޔާ އެ އިމާރާތައް ޖުމުލަ ހަރަދުވާ ކަމަށް ވިދާޅުވި އެވެ. މިހާރު އެއިމާރާތައް ހަރަދުކޮށްފައި ވަނީ 65 މިލިއަން ރުފިޔާ އެވެ.
މަޖިލީހުން ހުށަހެޅި ބަޖެޓް ބޮޑުކަން ފާޅުކޮށް ބަޖެޓް ކޮމެޓީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލީހުން ހުށައެޅި ބަޖެޓާއި ގުޅިގެން އެކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ "މިއީ ޓޫމަޗް، މީގައި ގޯހެއް އެބައުޅޭ" ކަމަށެވެ.