ރުހުންނެތް ވަޒީރުންނަށް މަގާމުގައި ތިއްބެވިދާނެތޯ ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މާލިއްޔަތު ގާނޫނު ތަސްދީގު ކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުން ސުޕްރީމް ކޯޓުގައި މިރޭ ބާއްވާ ގޮތަށް ތާވާލުކޮށްފި އެވެ.


މިރޭ ފުރަތަމަ ބާއްވާ ގޮތަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފައި ވަނީ ގައުމީ ޕާޓީން ނާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވަކިވަކި ދެ ގަޒިއްޔާއެއްގައި ހުށަހަޅުއްވާފައިވާ ރުހުންނެތް ވަޒީރުންނަށް މަގާމުގައި ދެމި ތިއްބެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑަ އަޅުއްވައި ދެއްވުމަށް ހުށަހަޅާފައިވާ މައްސަލަ އެވެ.


އެ ދެ މައްސަލަ ނިމުމުން ދެން އޮންނާނީ މާލިއްޔަތު ގާނޫނުގެ އިސްލާހު ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ވެސް އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ މަޑު ކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހުށަހެޅުއްވި މައްސަލަ ނިންމެވުމެވެ.


ރުހުންނެތް ވަޒީރުންނާ ގުޅޭ ދެ މައްސަލަ ތާވަލު ކުރެއްވެވި އިރު ދެ މައްސަލައާ މެދު ގޮތެއް ނިންމުން އަވަސް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.