14 Dec 2013, 12:37
އަހްލާގީ މައްސަލަ ތަކެއްގައި މިދިޔަ ސީޒަންގައި ބޮޑެތި ސަސްޕެންޝަން ތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އަށް އެޓީމުގެ ކެޕްޓަން ބޭންޑު ހަވާލު ކޮށްފާނެ ކަމުގެ އިޝާރާތެއް ޓީމުގެ ކޯޗު ބްރެންޑަން ރޮޖާގެ ފަރާތުން ލިބިއްޖެ އެވެ.
އާދީއްތަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ ޕްރިމިއާ ލީގު މެޗަށް ނުކުންނައިރު ކެޕްޓަން ސްޓީވެން ޖެރާޑް އަށް އަނިޔާގެ ސަބަބުން އެ މެޗުގައި ނުކުޅެވޭނެ އެވެ. އަދި ވައިސް ކެޕްޓަން ޑެނީލް އެގާ އަށް ވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތްއިރު ރޮޖާ ބުނީ، ސުއަރޭޒް އަށް ކެޕްޓަން ބޭންޑު ދިނުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
އެފަދަ ބޮޑު ޒިންމާއެއް ސުއަރޭޒްއާ ހަވާލުކުރުމަށް ވިސްނުމުގައި އެބަ ހުރިތޯ ސުވާލުކުރުމުން ރޮޖާބުނީ ،"ޝައްކެއް ވެސް ނެތް. 150 ޕަސެންޓް ޔަގީން،" ކަމަށެވެ.
މި ސީޒަންގައި ލިވަޕޫލް ދޫކޮށް އެހެން ކްލަބަކަށް ދިއުމަށް ސުއަރޭޒް މަސައްކަތް ކޮށްފައިވާއިރު އޭނާ އެޓީމުގައި އުފަލުގައި ބެހެއްޓުމަކީ ލިވަޕޫލަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ކެޕްޓަން ބޭންޑު ހަވާލު ކުރުމުން ސުއަރޭޒް އަށް ދަނޑުމަތީގެ އަހްލާގު އެންމެ ފުރިހަމަ ގޮތުގައި ދައްކައި ދިނުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވެސް ވާނެ އެވެ.
ޗެލްސީގެ ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗްގެ އަތުގައި ދަތް އެޅުމުގެ ސަބަބުން މިދިޔަ ސީޒަންގައި 10 މެޗަށް ސަސްޕެންޑު ކުރި ސުއަރޭޒްއަކީ ދަނޑުމަތީގެ އަޚްލާގީ މައްސަލަތަކުގައި ކުޅިވަރު މީޑިއާ ތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިވަގުތު ޕްރިމިއާ ލީގަށް ކުޅޭ އެންމެ މޮޅު ފޯވާޑަކީ ސުއަރޭޒް އެވެ. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 26 އަހަރުގެ ފޯވާޑް ވަނީ އެންމެ ފަހުން ލިވަޕޫލަށް އޭނާ ކުޅުނު ހަތް މެޗުގައި 12 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.