14 Dec 2013, 12:40
އެމެރިކާގެ ކޮލެރާޑޯގެ ހައިސްކޫލް ދަރިވަރަކު ބަޑިއެއް ހިފައިގެން ސްކޫލަށް ގޮސް ދެ ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ ކޮލެރާޑޯގެ އަރަހަޕޮއެހައިސްކޫލަށް ބަޑިހިފައިގެން ދަރިވަރު އެހެން ދެދަރިވަރުންގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލުމަށް ފަހު އަމިއްލައަށް މަރުވެފައިވާ ކަމަށެވެ. އަދި ބުނީ އިއްޔެ ހިނގި އެހާދިސާގައި ޒަހަމްވި ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހާލު ސީރިއަސް ކަމަށެވެ.
ބަޑިޖެހި ކުއްކާ ޝޮޓްގަން އެއް ހިފައިގެން ސްކޫލަށް ވަދެ ވަކި ޓީޗަރެއްގެ ނަމުން ބުނެ އެޓީޗަރު ހޯދަން މަސައްކަތް ކުރި ކަމަށާއި އެއަޑު އިވިގެން އެޓީޗަރު ސްކޫލުން ނުކުމެގެން ދިޔަ ކަމަށް ވެސް އެނޫސް ބުންޏެވެ.
"ބަޑި ޖެހި ކުއްޖާ ވަނީ އަމިއްލަ ގަޔަށް ބަޑިޖެހުމުގެ ސަބަބުން މަރުވެފައ، އެހެންވީމާ މިވަގުތު އެއްވެސް ބިރެއް ނެތް،" އަރަހަޕޮއެ ކައުންޓީ ޝެރިފް ގްރޭސަން ރޮބިންސަން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
އިއްޔެގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ހައި ސްކޫލް ހުރީ 1999 ވަނަ އަހަރު ހިނގި އެފަދަ ނުރައްކާތެރި ހާދިސާއެއްގައި 12 ދަރިވަރުންނާއި ޓީޗަރެއް މަރުވި، ކޮލަމްބައިން ހައިސްކޫލާ ވަރަށް ކައިރީގައެވެ.