މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ހޮލެންޑް ފޯވާޑް ރޮބިން ވެން ޕާސީގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އަނެއްކާ ވެސް އެއް މަސްދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ވެންޕާސީގެ ފަލަމަސް ގަނޑަށް އަނިޔާ ލިބުނީ، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެޓިމުގެ ކުޅުނު ފަހު މެޗުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް އަތުން 1-0 އިން މޮޅުވި މެޗުގެ 67 ވަނަ މިނިޓްގައި ފިލް ޖޯންސް އެޓީމަށް ލަނޑު ކާމިޔާބުކޮށްދިން ކޯނަރު ނަގަން އުޅުމުގެ ތެރޭގަ އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ ވަރުގަދަ މެޗަށް ނިކުތުމުގެ ކުރިން ވެން ޕާސީއާ ނުލައި އެޓީމު އަށް މެޗު ކުޅެން ޖެހޭއިރު ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއިން ބުނީ، ވެން ޕާސީ ނެތުމަކީ ޓީމަށް ލިބޭނޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"މިއީ އަހަރެމެންނަށް ނަސީބު ދެރަކޮށް ދިމާވި ކަމެއް،" މޮއެސް ބުންޏެވެ. "ވޭން ރޫނީއާއި ވެން ޕާސީ ޓީމުގައި ތިބެގެން އަހަރެމެންނަށް ރަނގަޅު ކާމިޔާބުތަކެއް ހޯދިފައި މިވަނީ. އެކަމަކު އެ ދެކުޅުންތެރިންނަށް އެއްކޮށް ޓީމަށް ނުކުޅެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ."

އާސެނަލް އިން 2012 ވަނަ އަހަރުގެ އޯގަސްޓް މަހު 24 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު 30 އަހަރުގެ ޑަޗް ފޯވާޑް އަނިޔާގެ ސަބަބުން މަސްދުވަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައީ ހުސްވި ހަފްތާގައި ނިއުކާސަލް އަތުން އަމިއްލަ ދަނޑުގައި 1-0 އިން ޔުނައިޓެޑް ބަލިވި މެޗަށެވެ.

ފިޓްނަސްގެ މައްސަލަތައް ތަހައްމަލު ކުރަމުން ގެންދިޔަ ނަމަވެސް ވެން ޕާސީ ވަނީ، މި ސީޒަންގައި ޔުނައިޓެޑަށް އޭނާ ކުޅުނު 11 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ.

"މަރުއާނޭ ފެލައިނީގެ މައިބަދައަށް އަނިޔާ ވެފައިވަނީ، މައިކަލް ކެރިކް އަށް ވެސް ނުކުޅެވޭނެ، ރޮބިންގެ ފަލަމަސް ގަނޑަށް އަނިޔާވެ ހަތަރު ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހުނީ. މިއީ އަހަރެމެންނަށް ބޮޑު ގޮންޖެހުމަކަށް ވާނެ،" މޮއެސް އިތުރަށް ބުންޏެވެ.

ރޮބިން ވެން ޕާސީ ޓީމުގައި ހިމެނިގެން އެޓީމު މި ސީޒަންގައި ކުޅުނު 16 މެޗުގެ ތެރެއިން 9 މެޗުން މޮޅުވެފައިވާއިރު ތިން މެޗުން ބަލިވެ ހަތަރު މެޗުން ވަނީ އެއްވަރު ވެފަ އެވެ. އަދި ވެން ޕާސީ ޓީމުގައި ނެތި ޔުނައިޓެޑް މި ސީޒަންގައި އަށް މެޗު ކުޅުނުއިރު އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި އަނެއް ދެ މެޗު އެއްވަރުވީ އެވެ.

ޗެމްޕިއަންސް ލީގުގައި ޝަކްތާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ނިމެންޖާ ވިޑިޗްއާއި ޕެޓްރިސް އެވްރާއާއި ކްރިސް ސްމޯލިން ފަދަ ކުޅުންތެރިން ޓީމުގައި ނުހިމެނެވުނު ނަމަވެސް މޮއެސް ބުނީ އޭނާއަށް ޓީމާ ދޭތެރޭގައި އުންމީދު އެބައޮތް ކަމަށެވެ.

"އަހަންނަށް ޔަގީން މި ޓީމުގައި އެތަންތަން ފޫބެއްދޭ ވަރުގެ ރަނގަޅު ކުޅުންތެރިން އަދިވެސް އެބަ ތިބި،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެމެޗުން ބަލިވެ ތާވަލުގެ އެއް ވަނައިގައި 35 ޕޮއިންޓާއެކު އޮތް އާސެނަލްއަށް ވުރެ 13 ޕޮއިންޓު މަދުން ލިބި ލީގު ތާވަލުގެ 9 ވަނައިގައި އޮތް ޔުނައިޓެޑް ޕްރިމިއާ ލީގުގައި ދެން ކުޅޭ މެޗުގައި މާދަމާކުޅޭނީ ރަށުން ބޭރުގައި އެސްޓަން ވިލާ އާ ދެކޮޅަށެވެ.