އިންކަމް ޓެކްސް، ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ މަސައްކަތް ކުރުމަށް މީރާއިން ބަޖެޓުގައި ޖަހާފައިވާ ފައިސާ ފިނޭންސުން އުނިކުރުމުން، އަންނަ އަހަރު އިންކަމް ޓެކުސް ނަގަން ނުޖެހޭނެ ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު ވިދާޅުވީ ބަޖެޓް ކުޑަވުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށާއި އެގޮތުން އިކަމް ޓެކްސް ނެގުމަށް މީރާގެ ބަޖެޓުގައި ހިމަނާފައިވާ ހުރިހާ މިންވަރު ފިނޭންސް އިން ކަނޑާލާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މި އަންނަ އަހަރު އިކަމް ޓެކުސް ނުނެގުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިކަމް ޓެކުސް އަށް ޖަހާފައި ހުރި ހުރިހާ އެއްޗެއް ކަނޑާލާފައި ވަނީ، އެހެންވީމަ އަޅުގަނޑު އެކުސްޕެކްޓް މިކުރަނީ ސަރުކާރުގެ ޕޮލިސީއަކީ އިންކަމް ޓެކުސް، ފަރުދުންގެ އާންމުދަނީން ޓެކުސް ނުނަގާނެ ކަމަށް މި އަންނަ އަހަރު، އެހެންވީމަ އެ މަސައްކަތް އަޅުގަނޑު ކުރަން ނުޖެހޭނެ ކަމަށް،" ޔަޒީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން 2011 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން އަދި ފާހެއް ނުކުރެ އެވެ. އެ ބިލު ދިރާސާ ކުރަނީމުޅި މަޖިލިސް އެކީގައި ކޮމެޓީއަށް ގޮސްގެންނެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ މީރާއަށް ދީފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާއި ކުރިމަތި ވާނެ ކަމަށާއި އެގޮތުން މިހާރު ހުށައަޅާފައިވާ ބަޖެޓަށް ކޮންމެހެން 12.6 މިލިއަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މީރާއިން ބޭނުންވާ ބަޖެޓަކީ 73 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި މީރާއަށް ދިނުމަށް ހިމަނާފައި ވަނީ 45 މިލިއަން ރުފިޔާއެވެ.

"ރެވެނިއު އިތުރު ކުރާ ވާހަކަ މި ދެކެވެނީ، އެކަމަކު ރެވެނިއު އިތުރުކުރަން މަސައްކަތް ކުރާނެ ކަމެއްނެތޭ، ރެވެނިއު މަތިން ފައިބާ ގޮތަށް މިއޮންނަނީ،" ޔަޒީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން އިންޓާނަލީ ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭ އެ މަސައްކަތްތައް ކުރާނެ ފައިސާ ނުލިބިގެން"

ޔަޒީދު ވަނީ މީރާއަށް ދީފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން މީރާގެ މަސައްކަތައް ބޮޑެތި ދަތިތަކެއް ދިމާވާނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.