މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ބުރުގެ ކުޅުން އިއްޔެ ނިމުނުއިރު ގްރޫޕް އެކެއްގެ އެއްވަނަ ކްލަބު އީގަލްސް އަދި ގްރޫޕް ދޭއްގެ އެއްވަނަ މަގާމް އެންމެ ފަހުގެ ޗެމްޕިއަންސް ރެޑްލައިން ކްލަބު (އާރުއެލްސީ) ހޯދައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ގްރޫޕް އެކެއްގެ އެއްވަނަ އީގަލްސް ހޯދީ ފުރަތަމަ ބުރުގައި އެޓީމު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ހަރިކޭން ބާސްކެޓްބޯލް ކްލަބު ކުޅުނު ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ޔޫތު ސްޕޯޓްސް ކްލަބު އޮތްއިރު ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޔޫއެން ފްރެންޑްސް (ޔޫއެންއެފް) އެވެ.

ގްރޫޕް ދޭއްގެ އެއްވަނަ މަގާމް އެންމެ ފަހުގެ ޗެމްޕިއަން އާރުއެލްސީ ހޯދީ ރޭ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާ ވާދަކޮށް އެޓީމު ބަލިކުރުމަށް ފަހު އެވެ. ފުރަތަމަ ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ އާރުއެލްސީ 8 ޕޮއިންޓު ހޯދާފައިވާއިރު ދެވަނައިގައި އޮތް ޑީއެސްސީ އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ގްރޫޕުގެ ތިންވަނައިގައި ހަ ޕޮއިންޓާއެކު ބީޖީ ސްޕޯޓްސް ކްލަބު އޮތްއިރު ހަތަރު ވަނައިގައި އޮތް އެލްކިއު ސްޕޯޓްސް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި އެއް ވެސް މެޗަކުން މޮޅު ނުވެ މި ގްރޫޕުގެ ފުލުގައި އޮތް ވީ ޔުނައިޓެޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް ދޭއްގެ ވީ އަތުން އެލްކިޔު މޮޅުވީ 99-53 ޕޮއިންޓުން ނެވެ. އެ މެޗުގައި އެލްކިޔުއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 31 ޕޮއިންޓް ހޯދި މުހައްމަދު ހަސަން އެވެ. އަދި ވީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 18 ޕޮއިންޓް ހޯދި އަހަމްދު ތޯސީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެލްކިއުގެ އަހްމަދު ފައިސަލް އެވެ.

ގްރޫޕް ދޭއްގެ އެންމެ ވާދަވެރި ދެޓީމުގެ ދެމެދުގައި ރޭ ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުގައި ޑީއެސްސީގެ މައްޗަށް އާރުއެލްސީ ކާމިޔާބު ހޯދީ 91-76 ޕޮއިންޓުންނެވެ. މި މެޗުގައި އާރްއެލްސީ އަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށް ދިނީ، 40 ޕޮއިންޓް ހޯދި މުހައްމަދު ޒިލާލު އެވެ. ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށްދިނީ 28 ޕޮއިންޓް ހޯދި އަހްމަދު ރަޝްވާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާރްއެލްސީއަށް 20 ޕޮއިންޓް ހޯދައިދިން އަހްމަދު އަފްޝަން ރަޝާދު އެވެ.

ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެބުރު ކުޅޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ސެމީ ފައިނަލަށް ދާނީ ގްރޫޕް ސްޓޭޖް ނިމޭއިރު ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަށްދާ ދެޓީމާއި ދެވަނައަށްދާ ދެޓީމެވެ. ދެ ގްރޫޕުގެ އެއްވަނަ ދެޓީމުގެ ދެމެދުގައި ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމު ފައިނަލަށް ދާނެ އެވެ. އަދި އެ މެޗުން ބަލިވާ ޓީމަކާއި ދެ ގްރޫޕުގެ ދެވަނަ އަށް ދާ ދެޓީމުގެ ދެމެދުގައި ކުޅޭ ސެމީއިން މޮޅުވާ ޓީމުގެ މެދުގައި ތިންވަނަ ސެމީއެއް ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ގްރޫޕު ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. ފުރަތަމަ މެޗުގައި ގްރޫޕު އެކެއްގެ ވީ ޔުނައިޓެޑާއި އެލްކިއު މިއަދު ހަވީރު 4:00ގައި ވާދަކުރާއިރު މިރޭ 8:30ގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ދޭއްގެ ހަރިކޭން އާއި ޔޫއެންއެފް އެވެ.