14 Dec 2013, 11:05
ހަތް އަހަރު ދުވަހުގެ މަސައްކަތުން ކޮމެޓީން ދިރާސާކޮށް ނިންމި، ގާނޫނޫލް އުގޫބާތުގެ ބިލަށް ތަޅުމުން ބޮޑެތި އިސްލާހުތަކެއް ނުގެނައުމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު އަހުމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ.
ގާނޫނުލް އުގޫބާތަށް އިސްލާހު ނުގެނައުމަށް މަޝްވަރާ ކުރަނީ 1204 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލަށް ގެންނަ ކުޑަ އިސްލާހަކުން ވެސް އެ ބިލުގެ އެހެން މާއްދާތަކާ ފުށޫއަރާ ގޮތް މެދުވެރިވެ، ތައާރަޒްވުން ބޮޑުވެދާނެތީ އެވެ. ކޮމެޓީން ތައްޔާރު ކުރި ގާނޫނުލް އުގޫބާތަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ތައްޔާރު ކުރި އެންމެ ބޮޑު ބިލެވެ.
ހަމްޒާ "ސަން"އަށް މިއަދު ވިދާޅުވީ މަޖިލީހުން ފާސް ކުރަން ހުށަހަޅާ ކޮންމެ ބިލަކަށް ވެސް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް ލިބިވަޑައިގަންނަވާ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދު އެ މެމްބަރަކަށް ލިބިވަޑައިގަންނަވާ "އަސާސީ ހައްގެއް" ކަމަށެވެ. ނަމަވެސް ބިލަށް ގެންނަ އިސްލާހެއްގެ ސަބަބުން، ގާނޫނުގެ އެހެން މާއްދާތަކަށް އިސްލާހު ގެންނަން ޖެހި، ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތުން ހިލާފު ވެދާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
"މިސާލަކަށް އުމުރު ކަނޑައަޅާފައިވާ ގޮތް. ދެ އުމުރެއް ބިލުގައި ކަނޑައަޅާފައި ވާނެ. އެއީ ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމަށް ބަލާ އުމުރާއި ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމަށް ބަލާ އުމުރު. އެ އުމަރަށް ގެންނަ ބަދަލަކުން ގާނޫނުގެ އެހެން މާއްދާތަކަށް ބަދަލު އައުމަށް ގުޅުން އެބަ އޮވޭ. އަދި އުމަރަށް ގެންނަ ބަދަލަކުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ފުށުއެރުންތަކެއް އަރާނެ،" ގާނޫނުލް އުގޫބާތު ބިލް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ ގާނޫލުން އުގޫބާތުގެ ބިލަށް ތަޅުމުން އިސްލާހުތަކެއް ހުށަހެޅިޔަސް، މަޖިލީހުގެ މެޖޯރިޓި ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާނަމަ އެފަދަ އިސްލާހުތައް ފެއިލްކޮށްލެވިދާނެ ކަމަށެވެ. އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީއަކީ ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވުމުން، އެ ޕާޓީތައް ނިސްބަތްވާ މެމްބަރުން ވެސް އިސްލާހު ހުށަހަޅާނީ މަޝްވަރާކޮށްގެން ކަމަށް އުމްމީދު ކުރައްވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ ބިލް މަޖިލީހަށް ފުރަތަމަ ފޮނުވާފައި ވަނީ 2006 ވަނަ އަހަރު އެވެ. ބިލް އަނބުރާ ގެނެސް އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅީ 2009 އަހަރު އެވެ. މިއަހަރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތަކީ ބައި ގަރުނުވެފައިވާ ގާނޫނެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތު އެކުލަވާލާފައިވަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1961 ވަނަ އަހަރު އެވެ.