14 Dec 2013, 11:00
މާލޭގެ ގެއަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފާޓާތަކެއް ފުލުހުން ހޯދައިފި އެވެ.
ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފާޓާތަކެއް ފުލުހުން ހޯދާފައި ވަނީ މާލޭ ގެއެއްގައި ބަޔަކު މީހުން ބަނގުރާ ކައްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ދިޔަ ބުރާސްފަތި ދުވަހު 23:45 ހާއިރު ގ. ބެރުގެ އެއްވަނަ ފަންގިފލާއިންނެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު އެތަނުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތް ފާޓާ އާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ އާލާތްތަކެއް ފެނިފައިވެ އެވެ.
އެ މައްސަލައާއި ގުޅިގެން އެ ވަގުތު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކެމެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. އެހެން ނަމަވެސް އެ މައްސަލައާއި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތުދީފައިވެ އެވެ.