ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަނީ ވަރަށް ހަލުވި ކޮށެވެ. އެކަމުގެ ނަފާވެސް ބޮޑެވެ. އެންމެ ބޮޑު އެއް ފައިދާއަކީ ގިނަ އަދަދެއްގެ ޒުވާނުން އަދާކުރާނެ ވަޒީފާތައް އުފެދުމެވެ. ރަށްތަކުގެ ސާފުތާހިރުކަން ދަމަހައްޓަން ވެސް އެކަން ވަނީ ބާރަކަށެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި މިހާރު އެންމެ ފުޅާދާއިރާއެއް ގައި ކުރަމުން އަންނަ އެއް ރަށަކީ ކ. މާފުށްޓެވެ. އެރަށުގައި މިހާރު ރަނގަޅަށް ހިންގަމުން އަންނަ 40 ގެސްޓް ހައުސް އެބަހުއްޓެވެ. މާފުށީ ރަށު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަލީ ނަޝީދު ވިދާޅުވީ އރަށުގައި މިހާރު 300 ޓޫރިސްޓުންގެ ޖާގަ އެބައޮތް ކަމަށާއި އެއީ 150 ކޮޓަރި ކަމަށެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރީގެ ފައިދާ އިންތިހާއަށް ބޮޑު ކަމަށެވެ. އެވިޔަފާރީގެ ސަބަބުން އިތުރު އެތައް ވަޒީފާއެއް އުފެދިފައިވާ ކަމަށެވެ.

"ވަރަށް ގިނަ ވަޒީފާ އުފެދިއްޖެ، މިސާލަކަށް ކޮންމެ ގެސްޓް ހައުސްއެއްގައި އެބަ އޮވޭ ލޯންޗެއް، އެއިން ކޮންމެ ލޯންޗެއްގައި ވެސް އެބަ އޮވޭ ވަޒީފާ، އޭގެ އިތުރުން އެބަ އުޅޭ އަމިއްލަ ގޮތުން ލޯންޗް ސެކްޝަނެއް ހިންގާ ކުއްޖަކު ވެސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ވާހަކަ ދެއްކި ރަށުގެ ބައެއް އެހެން ރައްޔިތުން ވެސް ބުނީ ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ރަށަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ. އެހެންވެ، އެމީހުން ތިބީ އެވިޔަފާރިއާ މެދު ވަރަށް ރުހިގެން ކަމަށެވެ.

ރަށު ތެރޭގައި ހިނގާލުމުން އެބޭފުޅުންގެ ވާހަކައިގެ ތެދުކަން ފެނެ އެވެ. މުޅި ރަށުގެ އެކި ހިސާބުތަކުން ޓޫރިސްޓުންނާ ދިމާވި އެވެ. ނަމަވެސް އެމަންޒަރުތަކާ އެކު އިތުރު އެތައް ސުވާލެއް އުފެދުނެވެ. އެގޮތުން އުފެދުނު ފުރަތަމަ ސުވާލަކީ އާމްދަނީ ލިބުނު ކަމުގައި ވިޔަސް މިއީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށާ ހަމަ ގުޅޭ ވިޔަފާރިއެއްތޯ އެވެ. އެސުވާލު އުފެދޭ ފަދަ ކަންތައްތައް ޓޫރިސްޓުންގެ ފަރާތުން ފެނުނެވެ. މޫދަށް އެރުމަށް ފަހު އެނބުރި ގެސްޓް ހައުސް އާ ދިމާއަށް ދިޔަ ބައެއް ޓޫރިސްޓުން ތިބީ ރިޒޯޓެއްގައި ވެސް އެމީހުން މޫދަށް އެރޭނެ ފަދަ "ހާލުގަ" އެވެ. އެހެން ރަށްރަށަށް ޕިކްނިކް ގޮސްފައި އައިސް ރަށަށް ފޭބި ޓޫރިސްޓުންގެ ކިބައިން އެކަން އަދި މާބޮޑަށް ފެނުނެވެ. އޭގެ ތެރެއިން ބައެއް އަންހެނުންގެ އުނަގަނޑުން މަތީގައި ހުރީ ހަމަ އެކަނި އަޑިން ލާ ތަކެއްޗެވެ.

"މިރަށަށް މިއައި ތަރައްގީގެ ސަބަބުން މީހުންގެ އުޅުމާ އަހުލާގަށް ބަދަލެއް އައިތަ؟ އެއްވެސް ގޯސް ބަދަލެއް އައިތަ؟" ބަނދަރު މަތީގައި ހުރި ފިނި މައިޒާނެއްގައި އަޅުގަނޑާ އެކު އެމަންޒަރުތައް ހިއްސާކުރަމުން ދިޔަ އުމުރުން ވަރަށް ދުވަސްވީ މީހަކާ ސުވާލު ކޮށްލީމެވެ. އުމުރުން މިހާރު 80 އަހަރު ވެފައިވާ ކަމަށް ބުނި އެބޭބެ ބުނީ އެއްވެސް ކަމެއް ގޯސް ނުވާ ކަމަށެވެ.
"ނޫނޭ، މާބޮޑު ބަދަލެއް ނާދޭ، ވަރަށް ރަނގަޅު ހަމަ ހުރިހާ ކަމެއް ވެސް، ބޭބެމެން މި އުޅެނީ ވަރަށް ހިތްހަމަ ޖެހިގެން،" އޭނާ ބުންޏެވެ.

ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ޒުވާނުންގެ އުޅުމަށް އެއްވެސް އަސަރެއް ކުރިތޯ ނަޝީދުއާ ވެސް ސުވާލު ކުރީމެވެ. އޭނާ ވިދާޅުވީ އެކަމުން ވީ ރަނގަޅެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ވިޔަފާރީގެ ސަބަބުން ވީ ރަނގަޅެކޭ. ކުރިން ވަޒީފާއެއް ނެތިގެން ކަންކަން މަތީ ތިބި ކުދިންނަށް ވެސް މިހާރު ވަޒީފާ ލިބިއްޖެ. އެހެންވެ، މިހާރު ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާ ކުދިންނެއް ނެތް. އެހެންވެ ކުށް ކުރުން ވެސް ވީ މަދު،" އޭނާ ވިދާޅުވި އެވެ.
ދީނީ ގޮތުން ޒުވާނުންގެ އުޅުމަށް ބަދަލެއް އައި ކަން ފާހަގަ ކުރެއްވޭތޯ، ދެންނެވުމުން އޭނާ ވިދާޅުވީ އެކަންތައްތަކުގައި ޖެހޭނީ ރަނގަޅު ގޮތުގައި ނަސޭހަތް ދީ ކުދިންގެ އަގީދާ ވަރުގަދަ ކުރަން ކަމަށެވެ.
"ދެން އެކަމުގައި ޖެހޭނީ ކުދިންނަށް ރަނގަޅު ދީނީ ނަސޭހަތްދީ، އަގީދާ ވަރުގަދަ ކުރަން މަސައްކަތް ކުރަންތާ ދެއްތޯ؟" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން ރަށު ތެރޭގައި އެގޮތަށް ހާމަކަން ބޮޑުކޮށް އުޅުމުން ކުދިންގެ އަހުލާގަށް ބަދަލު އަންނާނެ ކަމަށް އެއްބަސްވާ މީހަކާ ވެސް އެރަށުން ދިމާވި އެވެ. އޭނާ ބުނީ ހުޅަނގުގެ ގޮތްތަކަށް ޒުވާނުން މާ ބޮޑަށް އެނބުރޭ ކަމަށް އޭނާއަށް އިހްސާސްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަގީދާ ބަލިކަށި ވަމުންދާހެން ހީވާ ކަމަށެވެ. އަދި މިސްކިތަށް އަރާ ޒުވާނުން މަދުވަމުން ދާ ކަމަށް އިހުސާސްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެން އެހެންނެކޭ ކިޔާފައި ގެސްޓް ހައުސް ވިޔަފާރި ކޮންމެހެން ހުއްޓާލާކަށް ނުޖެހޭ. ކުދިންނަށް ރަނގަޅު ގޮތުގައި ނަސޭހަތް ދެންޏާ ރަނގަޅުވާނެ. ދެން ހަރުކަށި އުސޫލުތަކެއް ވެސް ހެދިދާނެ. މިސާލަކަށް ޓޫރިސްޓުން މޫދަށް އެރޭ ދިމާއަކީ އާއްމުން ގޮސް އުޅުން މަނާ ތަނަކަށް ހެދިދާނެ،" އޭނާ ބުންޏެވެ.

ބައެއް މީހުން ބުނީ މިހާރު ވެސް އެކަން އޮތީ އެހެން ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މޫދަށް އެރޭ ސަރަހައްދު އަދި އެގޮތަށް ވަކި ނުކުރެވޭ ކަމަށެވެ. ނަމަވެސް އުސޫލުތައް މުސްތަގުބަލުގައި ހަރުދަނާ ވަމުން ދާނެ ކަމަށެވެ.

މާފުށިން ފެންނަ މަންޒަރަށް ބަލާ އިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމުގެ ކުރިން ވާން ޖެހޭ އެތައް ކަމެއް ނުވެ ހުރިކަން ފާހަގަ ވިއެވެ. ރަށަށް އަންނަ ޓޫރިސްޓުންނަށް ގެސްޓްހައުސްތަކުން ދޭން ޖެހޭ ގައިޑްލައިން ތަކެއް އެގޮތުން އޮންނަން ޖެހެއެވެ.

މިވާހަކައާ ދެކޮޅު ހައްދަވާ ބޭފުޅުން ވިދާޅުވެ އެވެ. "ދިވެހިންނަކީ ހުޅަނގުގެ ކުލަތަކާ ދުރު ބައެއް ނޫނެވެ. މާލޭގެ މަގުތަކަށް ބަލާ ލުމުން އެކަން އެނގެއެވެ،" ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެކަން އެހެން އޮތީތީއޭ ކިޔާފައި އިތުރަށް ގޯސްވާން ދޫކޮށްލުމެއް ނޫނެވެ.
ތެދެކެވެ. "ހެސް ކިޔާފައި ޑޮލަރު ލިބޭތީ" ގެސްޓް ހައުސް ވިޔަފާރި ހަމަ "ހަބޭހެވެ". އެހެން ނަމަވެސް އެވިޔަފާރި ފުޅާވާން ޖެހޭނީ ދިވެހިންގެ ސަގާފަތު ހަލާކުވެ، ގެއްލި ނުދާނެ ގޮތަކަށެވެ. ރަނގަޅު ގަވާއިދުތަކަކާ އުސޫލުތަކެއް އަވަހަށް ކަނޑައަޅަން ޖެހެ އެވެ.