13 Dec 2013, 19:45
ދ. މީދޫން: މުހައްމަދު ޖުނައިދު
ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމަކީ ސަބްސިޑީއާއި އެހެން ބައެއްގެ އެހީތެރިކަމާ ނުލާ ކުރެވޭ ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޑިސެމްބަރު މަހުގެ 10ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ދ. މީދޫގައި ވާހަކަދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ވެސް ދެމެހެއްޓެނިވި މަސައްކަތަކަށް މަސްވެރިކަން ހަދަން ޖެހޭ ކަމަށެވެ.
ދެމެހެއްޓެނިވި މަސްވެރިކަމަކީ ހަމައެކަނި ކަނޑު ފަޅުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުން ނޫން ކަމަށާއި މަސްވެރިކަމުގެ ދާއިރާއަކީ އަމިއްލައަށް މީހުންނަށް ހަރަކާތްތެރިވެވޭ ދާއިރާއަކަށް މަސްވެރިކަން ހަދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަހަކަށް އައިސް މަސްވެރިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ސަބްސިޑީތަކަކާ އެއްޗެހި ފެނިގެން ގޮސްފި. ސަބްސިޑީ ދީގެން މަސްވެރިކަން ކުރުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރެވޭ ގޮތެއް ނޫން. އަޅުގަނޑު ދެކޭ ހިތް ވަނީ އެއްވެސް އެހީތެރިކަމަކާ ނުލާ، މަސްވެރިންނަކީ އެމީހުންގެ ބުރަ މަސައްކަތުން އަމިއްލައަށް، އެހެން ބައެއްގެ އެހީތެރިކަމެއް ނެތި ހަރަކާތްތެރިވެވޭނެ ހީވާގި ބަޔަކަށް ހެދުން،" ޑރ. ޝައިނީ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގައި މިކަންކަން ފާހަގަކޮށް، އަމާޒުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މިގޮތުން "ބެޔަސް ނުބެޔަސް" ސިޔާސަތަކީ މަސްވެރިންނާއި ސަރުކާރުން ހިއްސާވެގެން އުފެދޭނެ އިންޝުއަރަންސްގެ ނިޒާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބެޔަސް ނުބެޔަސް މަސްވެރިންނަށް ފައިސާ ލިބޭ ސިޔާސަތުގެ މާނައަކީ ކޮންމެ މަސްވެރިއެއް ކަމެއް ނުކޮށް ގޭގައި ހުރީމަ ފައިސާ ލިބޭ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައި އޮންނާނެ. އެކަން ކުރާނީ އިންޝުއަރަންސް ސްކީމެއްގެ ގޮތުގައޭ. އޭގެ މާނައަކީ ދެފަރާތުން ބައިވެރިގެން ކުރެވޭ ކަމަކަށް ވުން،" ޑރ. ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ދެމުން އަންނަ ސަބްސިޑީގެ ބަދަލުގައި "ބެޔަސް ނުބެޔަސް" ތައާރަފްކުރުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށެވެ.