13 Dec 2013, 19:18
އިންޑިއާއަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް ލުއިފަސޭހަކޮށް މެޑިކަލް ވިސާ ހަމަޖެއްސުމާބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ސަލްމާން ޚުރުޝީދާއި މަޝްވަރާ ކުރައްވައިފި އެވެ.
އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ސަލްމާން ޚުރުޝީދާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ނާޒިމް ބައްދަލުކުރެއްވީ އިންޑިއާއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ސޯޝަލް ސެކިއުރިޓީއާބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ގައުމުގެ ދިފާއީ އަދި އަސްކަރީ ގުޅުން މިހާރަށްވުރެ ބޮޑަށް ތަރައްގީ ކުރުމާއިބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ޑިފެންސް މިނިސްޓަރު މިއަދު މެންދުރުފަހުވަނީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ޝިވްޝަންކަރު މެނަންއާވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އިގްތިސޯދީ ސެކިއުރިޓީއާއި ފުޑް ސެކިއުރިޓީގެ އިތުރުން ސޯޝަލް ސެކިއުރިޓީއާ ބެހޭގޮތުން ދެބޭފުޅުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި މިދާއިރާތަކުން ރާއްޖެއަށް އިތުރު އެހީތައް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ އިންޑިއާއަށް ފައްޓަވާފައިވާ މިދަތުރުފުޅަކީ އިންޑިއާގެ ޑިފެންސް މިނިސްޓަރ އޭކޭ އެންތަނީގެ ދައުވަތަކަށް މިމަހުގެ 11އިން 15 އަށް އިންޑިއާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުކެވެ.