13 Dec 2013, 16:52
ޒުވާނުންނަށް އަމާޒުކޮށްގެން "އަ ވީކެންޑް ވިތް އެމްއެންޑީއެފް" ގެ ނަމުގައި ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ގިރިފުށި ޓްރެއިނިންގް ސެންޓަރުގައި މިއަދު ފަށައިފި އެވެ.
މިޕްރޮގްރާމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލްކުރަން ހަމަޖެހިފައިވާ ލަނޑުދަނޑިތައް އިއުލާން ކުރުމަށްޓަކައި މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ހާސިލް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވާ އެއް ލަނޑުދަނޑި އެވެ.
މިއީ ސަރުކާރުގެ އިޖްތިމާއީ ސިޔާސަތާއި ޒުވާނުންގެ ސިޔާސަތާއި ގުޅިލާމެހިވެގެން ހިންގާ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފުން ބުނީ ގިރިފުށީގައި މިމަހުގެ 12 އިން 14ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ސަރުކާރުގެ ވުޒާރާތަކުން 48 ފަރާތަކުން ބައިވެރިވެފައިވާއިރު އަމިއްލަ ދާއިރާތަކުން ހަ ފަރާތެއް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އަ ވީކެންޑް ވިތް އެމްއެންޑީއެފް" ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ގައުމީ ރޫޙު އަށަގެންނެވުމާއި ލީޑާޝިޕް ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ހަރުދަނާ ނަފްސެއް ބިނާކުރަން ދަސްކޮށްދިނުމެވެ.
މިހާރު ގިރިފުށީގައި ކުރިއަށްދާ ''އަ ވީކެންޑް ވިތް އެމްއެންޑީއެފް'' ޕްރޮގްރާމްއަކީ ޒުވާނުންނަށް މިގޮތުން ހިންގޭ ފުރަތަމަ ޕްރޮގްރާމެވެ.