ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ދ. މީދޫގައި ފާހަގަކުރަމުންދާ 33 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ 200 މޭލުން ބޭރަށް ގޮސް މަސްވެރިކަން ކުރުމަށް ބޭނުންވެގެން މަސްވެރިން އެކަމަށް އެދެމުން އަންނަ ކަމަށެވެ.
އަދި މާލަސްތަކެއް ނުވެ، ހުއްދަ ލިބިގެން ރާއްޖޭގެ އީއީޒެޑްގެ ބޭރުން މަސްވެރިކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"މަސްވެރިން އެދެމުން އެބަ އާދޭ. އަޅުގަނޑުމެން މިހާރު މި މަސްވެރިންކަން ކުރާ ޒޯނުން ބޭރަށް މަސްވެރިކަން ކުރަން ދެވޭނެ ގޮތެއް ހަދައި ދިނުމަށް. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް 200 މޭލަށް ވުރެ ބޭރުގައި ވެސް ހުއްދަ ލިބިގެން މަސްވެރިކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ވާހަކަ ދަންނަވަން،" ޑރ. ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ބެލެވޭ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދީ ރޮނގުން ފެށިގެން 200 ނޯޓިކަލް މޭލުގެ ތެރޭގައިވާ ސަރަހައްދެވެ. ރާއްޖޭގެ އީއީޒެޑްގެ ސަރަހައްދުގައި ހިމެނެނީ ގާތްގަނޑަކަށް 900،000 އަކަ ކިލޯމީޓަރެވެ.

ރާއްޖޭގެ އީއީޒެޑާ އިންވެގެން އުތުރާއި ދެކުނުން އެހެން ގައުމުތަކުގެ އީއީޒެޑްތައް އަންނަ ނަމަވެސް ރާއްޖޭގެ އީއީޒެޑްގެ ބޭރުން ހުޅަނގަށާއި އިރުމައްޗަށް ދެމިގެންދާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެވެ.