އިންޑިއާގެ ތާޖުމަހަލް ބަލަން ގޮސް އެނބުރި އައި މަގުމަތީގައި އެކްސިޑެންޓްވި ދިވެހި އާއިލާގެ ހަތަރު މެމްބަރުން ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ ކަމަށާއި ހަތަރު ވަނަ މީހާގެ ވެސް އޮޕަރޭޝަން ކޮށް ނިމިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ޕޫނާގެ ހައިވޭގައި ގޭސް ޓޭންކަރަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހުންގެ ތެރެއިން ލ. ކުނަހަންދޫ، ހުޅަނގުގޭ، އައިމިނަތު ޝިރުމީނާ، 34، އާއި އޭނާގެ ފިރިމީހާ މާލެ ދަފްތަރު، އިބްރާހިމް އަހުމަދު، 50، އާއި އެ ދެމަފިރިންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅާއި ތިން އަހަރުގެ ފިރިހެން ދަރިފުޅު މިހާރު ވަނީ ހޮސްޕިޓަލުން ޑިސްޗާޖްކޮށްފަ އެވެ.

އެ އާއިލާގެ އެކްސިޑެންޓްވި މައުލޫމާތު ލިބުމާ އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މިވަގުތު އިންޑިއާއަށް ގޮސް ހުރި އާއިލާގެ މީހަކު މިއަދު ބުނީ އެ އެކްސިޑެންޓްގައި ކަންފަތް އިރައިގެން ދިޔަ މުހައްމަދު ޝައްމޫންގެ ކަންފަތް ވެސް މިހާރު އޮޕްރޭޝަން ކޮށް ނިމިފައިވާ ކަމަށެވެ. ޝައްމޫން މިހާރު އޮތީ ވޯޑަށް ބަދަލުކޮށްފަ އެވެ.

"ކަންފަތުގެ ޕްލާސްޓިކް ސާޖަރީއެއް މިހާރު ވަނީ ހަދައިފައި، އެކްސިޑެންޓްގައި ކަންފަތް އިނީ ކިރިއަކިރިއާ ނުވެއްޓި، ހަންކޮޅެއްގައި އެޅިފައި އިނީމަ ނުނެއްޓި އިނީވެސް، ނަމަވެސް މޫނުމަތިން ހަލާކުވި ކަށިތަކާ އެކު ކަންފަތް ވެސް އޮޕަރޭޝަނަށް ފަހު މިހާރު ވަނީ ރަނގަޅުކޮށްފައި،" އޭނާ ބުންޏެވެ.

އެ އެކްސިޑެންޓަށް ފަހު އެމީހުންނަށް އިންޑިއާގެ ހަތަރު ހޮސްޕިޓަލަކުން ފަރުވާދީފައިވާއިރު އެންމެ ފަހުން އެމީހުންނަށް ފަރުވާދީފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގްލޯބަލް ހޮސްޕިޓަލުންނެވެ.

އެ އާއިލާއިން ދަތުރުކުރަމުން ދަތުރު ކުރި ވޭންގެ އެކްސިޑެންޓުވީ އެ މީހުން ބެންގަލޫރާއި ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރު ސަރަހައްދެއްގައި ވަނިކޮށެވެ. އެ އެކްސިޑެންޓުގައި ވޭންގައި ތިބި ދިވެހި އާއިލާގެ މެމްބަރުންތައް ވަނީ ވޭނުގެ ބިއްލޫރިތައް ފަޅައިލައި ވިއްސައިގެން ގޮސްފަ އެވެ. މި އެކްސިޑެންޓްގައި އެމީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިންޑިއާގެ އެޖެންޓް ވަނީ މަރުވެފަ އެވެ.