13 Dec 2013, 12:54
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްސަލަ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ސ.ހިތަދޫ ޖާދޫގެ، އަހުމަދު ޝަފީގު 36، އާއި ބ.ތުޅާދޫ އިރަމާގެ، މޫސާ އިބްރާހީމް 54، އާއި ކ.މާލެ، ގ.އަންކާރާ، އަޝްރަފް ޔޫސުފް 36، އަދި ކ.މާލެ ގ.މިއަލަނިއާގެ، އިބްރާހީމް ޝިފާޒް ޔޫސުފް34، ގެ މައްޗަށެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ބަޔަކު މީހުން ރާއްޖެ އަށް ވަގަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މިއަހަރުގެ އޮގަސްޓް މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގ. މިއަލަނިއާގޭގެ ކޮޓަރިއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ ބަލައި ފާސްކުރިއިރު އެތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ގިނަ އަދަދެއްގެ ރަބަރު ޕެކެޓްތަކެއް ވަނީ ފެނިފަ އެވެ. އެތަކެތީގެ ބަރުދަނުގައި ޖުމްލަ 500 ގްރާމުގެ ހުރި ކަމަށާއި އެތަނުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާ މަސްތުވާތަކެތި ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މޫސާ އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ގ. މިއަލަނިއާގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކެއް ހިފައިގެން ނިކުންނަކޮށެވެ. އަދި މި މައްސަލާގައި ހިމެނޭ އަނެއް ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކަކާ އެކު ގ. މިއަލަނިއާގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ.
މި މައްސަލަ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މި ނޮވެމްބަރު 27 ގަ އެވެ.