13 Dec 2013, 11:51
ރާއްޖޭގެ ސިފައިންނަށް ދިމާވާ ބޮޑެތި ބަލިތަކުގަ އާއި ސީރިއަސް ބޮޑެތި އޮޕަރޭޝަންތައް ކުރުމުގައި އިންޑިއާގެ އަސްކަރީ ހޮސްޕިޓަލްތަކުން ފަރުވާ ލިބޭ ގޮތަށް އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ސިރީ އޭކޭ އެންތަނީއާ އެކު އިއްުޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށް އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ގުޅުން ވަރުގަދަކޮށް ސިފައިންގެ ސިއްހީ ހިދުމަތުގެ ފެންފަރު ރަނގަޅުކޮށް އިންޑިއާގައި ސިފައިންގެ ސްޕެސަލިސްޓުން ތަމްރީން ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ރާއްޖެއަށް ފޮނުވުމާ ބެހޭ ގޮތުން ވެސް އެންތަނީ ވާހަކަދެއްކެވި އެވެ.
މީގެއިތުރުން ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. އެގޮތުން 2014 ވަނަ އަހަރު އެމްއެންޑީއެފާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން އިތުރު ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމްގެ މިދަތުރުފުޅުގައި މާދަމާ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޒިޔާރަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަަޖައްސައިފައިވާ ހެލިކޮޕްޓަރު ރަމްޒީ ގޮތުން ހަވާލުކުރުމަށް ހަމަޖެހިފަ އެވެ.