ބަންގްލަދޭޝްގެ އިދިކޮޅު ޖަމާއަތޭ އިސްލާމީގެ އިސް ލީޑަރެއް ކަމަށްވާ އަބުދުލް ގާދިރު މުއްލާ އެގައުމުގެ ސަރުކާރުން މިރޭ ދަންޖަސައިފިއެވެ.

އަލްޖަޒީރާ ބުނީ އަބުލް ގާދިރު ދަންޖެއްސީ ބަންގްލަދޭޝް ގަޑިން މިރޭ 10.1 ގައި ކަމަށެވެ.
އަބުލް ގާދިރު ދަންޖައްސަން ހުކުމް ކުރީ ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގައި 1971 ވަނަ އަހަރު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އެގައުމުގެ ވޯ ކްރައިމް ޓްރައިބިއުނަލް އަށް ސާބިތުވެގެންނެވެ.

ބަންގްލަދޭޝްގެ އިންތިހާބު ބާއްވަން މަހަކަށް ވެފައި ވަނިކޮށް އަބުދުލް ގާދިރު ދަން ޖެއްސި އިރު އޭނާގެ ޖަމާއަތޭ އިސްލާމީ ޕާޓީ އިންތިހާބު ތަކުގައި ވާދަކުރުން ވެސް އެގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ވެރިރަށް ޑާކާގައި ހުރި އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ތަންވީރު ޗައުދަރީއާ ހަވާލާދީ އެ އެޖެންސީ ބުނީ އަބުދުލް ގާދިރު ދަންޖައްސަން ނިންމުމާ ގުޅިގެން ޑާކާގައި ހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

" މިއީ ކުޑަކުޑަ އަހުލީ ހަނގުރާމައެއް ފަދަ ކަމެއް، " ހަމަނުޖެހުންތައް ސިފަކުރަމުން ތަންވީރު ބުނި ކަމަށް އަލްޖަޒީރާ ބުންޏެވެ.