ށ. އަތޮޅުގެ ރައްތަކަށް ކުރައްވާ ދަތުރު ފުޅެއްގައި އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ މިއަދު ފުރާވަޑައިގެންފި އެވެ.


ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ މި ދަތުރު ފުޅަކީ، ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމަށެވެ.


ހަތަރު ދުވަހުގެ މި ދަތުރު ފުޅުގައި، މިއަދު ށ. އަތޮޅު ގޮއިދޫ އާއި ކަނޑިތީމަށް ވަޑައިގެން އެ ރަށްރަށުގައި ބައްދަލުވުންތައް ބާއްވަވައި ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޕާޓީގެ ފަރާތުން ތަސްމީނު ޖަވާބު ދެއްވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.


މި ދަތުރުފުޅު ހަމަޖެހިފައިވާ ގޮތުން، ތަސްމީން މާދަމާ އެ އަތޮޅު ނޫމަރާ އާއި ފޭދޫ އާއި ނިލަންދޫ އާއި ކޮމަންޑޫ އަށް ވަޑައިގެން ބައްދަލުވުންތައް ބާއްވާނެ ކަމަށާއި ހޮނިހިރު ދުވަހު މަކުނުދޫ އާއި ފޯކައިދޫ އާއި ފީވަކާއި ނަރުދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ. މި ދަތުރުފުޅު ނިންމާލުމަށް ފަހު އާދިއްތަ ދުވަހު ތަސްމީން މާލެ ވަޑައިގަންނަވާނީ، އެ އަތޮޅު މާއުނގޫދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަލީ ސޯލިހް ވިދާޅުވީ، ތަސްމީނުގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި ޕާލެމްޓްރީ ގްރޫޕުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.