މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ވާދަކުރައްވާފައި ނުވާތީ، އެ ދާއިރާއަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު އެ ދާއިރާއަށް ހޮވިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޝިހާބު ފިޔަވައި އެހެން ފަރާތަކުން އެ ދާއިރާއަށް ވާދަކުރައްވާފައި ނުވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބްރުއަރީ 25 ވަނަ ދުވަހު ފެށޭ ލޯކަލް ކައުންސިލްތަކުގެ އާ ދައުރަށް އޭނާ އިންތިޚާބުވެފައިވާ ކަމަށެވެ.

އެ ދާއިރާއަށް އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.

ޝިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.