12 Dec 2013, 22:00
ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގައި ހަލާލު ލޯގޯ ޖެހުމަށް ޓަކައި ހަލާލު ލޯގޯ ދޫކުރުމުގެ ކަންތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކެބިނެޓްގެ ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ހަލާލު ސެޓްފިކެޓާ ބެހޭ ގަވައިދު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ފާސްކޮށް ގެޒެޓް ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
" ހަލާލު ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތަކީ އަށް އަހަރު ދުވަހުގެ ތާރީހެއް އޮތް މަސައްކަތެއް، އެމަސައްކަތަކީ ހެލްތު މިނިސްޓްރީއާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ އިސްލާމިކް މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް، އެމަސައްކަތް އެހާ ގިނަ ދުވަސްވެފައި މިއޮތީ އެކި އެކި ގޮންޖެހުންތައް ކުރިމަތިވެގެން ، އެކި މަރުހަލާގައި އެކި މިންވަރަށް މަސައްކަތް ކުރެވިފައި ވަނީ . އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދުވަސްވަރުން ފެށިގެން ކުރެވެމުން މިއަންނަ މަސައްކަތަށް މާތް ﷲ އިރާދަކުރައްވައިގެން މިވަނީ ނިމުމެއް އައިސްފައި،" ޑރ. ޝަހީމު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ހަލާލު ސެޓްފިކެޓް ދޫކުރުމާ ބެހޭ ގަވައިދު ފުރިހަމަކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ފާސްކޮށް ގެޒެޓްކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހަލާލު މާކެޓަކީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ މާކެޓެއް ކަމަށެވެ.
" މިމަސައްކަތުގެ ސަބަބުން ދިވެހި ރާއްޖޭގެ މަހުގެ ބާވަތްތަކުގައި ހަލާލު ލޯގޯ ޖެހި ، އިސްލާމީ ގައުމުތަކަށް އެތެރެކުރުމުގެ މަގު ފަހިވެގެންދާނެ، އަދި އިސްލާމީ ގައުމުތަކުގެ އިތުރުން ހުޅަނގުގެ ބައެއް ގިނަ ގައުމުތަކުގައި ވެސް ހަލާލު މާކެޓަކީ ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ މާކެޓެއް، އިސްލާމުންގެ މެޖޯރިޓީ ނޯންނަ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ވަރަށް މުހިއްމު މާކެޓެއް ހަލާލު މާކެޓަކީ، " ޑރ. ޝަހީމް ވިދާޅުވިއެވެ.