ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އުމުރާ ގުޅޭ އިސްކޮޅު ނުލިބޭ ކުދިންގެ ނިސްބަތް ރާއްޖޭގައި ވަރަށް މަތި ކަމަށް ޔުނައިޓެޑްނޭޝަންސް ޗިލްޑްރަންސް ފަންޑް ( ޔުނިސެފް) އިން ބުނެފިއެވެ.

" ސިޗުއޭޝަން އޮފް ޗިލްޑްރަން އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ( ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހާލަތު" ) ގެ ނަމުގައި ޔުނިސެފުން ތައްޔާރުކުރި ރިޕޯޓްގައި ވާގޮތުން 2009 ވަނަ އަހަރުވެސް ރާއްޖޭގެ ކުޑަކުދިންގެ 18.9 ޕަސެންޓް ކުދިންނަކީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އުމުރާ އެއްވަރުގެ އިސްކޮޅެއް ނެތް ކުދިންނެވެ.

"...ލިބެން ހުރި ހެކިތަކުން އެނގޭ ގޮތުގައި ކުޑަކުދިންނަށް ލިބޭ ކާނާ ދިހަވަރަކަށް އަހަރުގެ ތެރޭގައި ވަނީ އައީ ރަނގަޅު ވަމުންނެވެ. ނަމަވެސް 2009 ވަނަ އަހަރު އައި އިރު ވެސް ރަނގަޅު ކާނާ ނުލިބޭ ކުދިންގެ ނިސްބަތް ހުރީ ގަބޫލު ކުރެވޭ ވަރަށް ވުރެ މަތީގައެވެ. މިސާލަކަށް އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ 18.9 ޕަސެންޓް ކުދިންނަކީ ، ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ހުންނަން ވާ އިސްކޮޅު ނެތް ކުދިންނެވެ،" ޔުނިސެފްގެ ރިޕޯޓްގައި ވެއެވެ.

އެރިޕޯޓްގައި ވާގޮތުން ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 61000 ކުދިން އުޅެނީ ފަގީރު ކަމުގައެވެ. އަދި އެކަން އެހެން ވެފައިވަނީ ޖުމްލަ ގޮތެއްގައި އާބާދީގެ ބޮޑު ބައެއް ފަގީރުކަމުގައި ތިބީމައެވެ. ފަގީރުން ކަމަށް ބަލާ މިންގަނޑު ކަމަށްވާ ދުވާލަކަށް 44 ރުފިޔާ ނުލިބުން ކަމަށް ވާއިރު 2009 ވަނަ އަހަރު ވެސް ރާއްޖޭގެ 51 ޕަސެންޓް މީހުން ތިބީ އެހާލަތުގައި ކަމަށް ރިޕޯޓްގައި ވެއެވެ.

ޔުނިސެފްގެ ރިޕޯޓް ނެރެދެއްވީ ސްޓެލްކޯ މާލަމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފުން މި ސަރަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑައިރެކްޓަރު ކަރިން ހުލްޝޮފް އާއި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.