ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ އަރިހަށް ޑިފެންސް މިނިސްޓަރު ނާޒިމް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފްގައި އިންޑިއާ ސިފައިން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

މިއަދު ހެނދުނު އިންޑިއާގެ ޑިފެންސް މިނިސްޓްރީގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ދިފާއީ އަދި އަސްކަރީ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމާއިބެހޭ ގޮތުން ދެބޭފުޅުންވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އަސްކަރީ ދާއިރާއިން މީހުން ބިނާކުރުމަށާއި، ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އަސްކަރީ ވަސީލަތްތައް ހޯދުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. މީގެއިތުރުން ރާއްޖޭގެ އިގްތިސޯދީ ސެކިއުރިޓީ އާއި ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ހާލަތު ރަނގަޅުކުރުމާ ބެހޭގޮތުންވެސް ވަނީ ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ.

އިންޑިއާގެ ދިފާއީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު އިންޑިއާގެ އާމީ އާއި ނޭވީ އަދި އެއާ ފޯސްގެ ޗީފުންނާ ނާޒިމް ވަނީ ބައްދަލުކުރައްވާފައެވެ. މިގޮތުން އިންޑިއާގެ ޗީފް އޮފް އާމީ ޖެނެރަލް ބިކްރަމް ސިން އާއި ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ދެވެންދުރަ ކުމާރު ޖޯޝީ އަދި އެއާ ފޯސްގެ އެއާ ޗީފް މާޝަލް ނޯމަން އަނިލް ކުމާރު އާއިއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިމަގުގައި ކުރިޔަށް ގެންދާނެ ހަރަކާތްތަކާއި، ތައުލީމާއި ތަމްރީނުގެ ތެރެއިން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އިންޑިއާއިން ރާއްޖެއަށް ތަމްރީނުގެ ފުރުސަތުތައް ލިބޭނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާއަށް ފައްޓަވާފައިވާ މިދަތުރުފުޅުގައި އިންޑިއާގެ ނިއުދީއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ޒިޔާރަތްކުރެއްވިއެވެ. މިޒިޔާރަތުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަސީރުއާ ބައްދަލުކުރެއްވި އެވެ.

ނާޒިމް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.