12 Dec 2013, 19:07
މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން ހުއްޓާލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ދެން އެ ކޯޓަށް މައްސަލަ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.
މިއަދަކީ މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމަށްވާއިރު މިއަދު އެކަނިވެސް 20 މައްސަލަ ޕްރިސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1560 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާއިރު 1602 މައްސަލަ މިއަހަރުގެ މިހާތަނަށް ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓަކީ ހަމައެކަނި ޖިނާއީ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޯޓެކެވެ. އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. ނަމަވެސް ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ ކޮންމެ ރައްޔިތަކަށް ވެސް އެ މައްސަލަ އެ ކޯޓަށް ހުށަހެޅިދާނެ އެވެ.