ގައުމީ ޕާޓީގެ ކުރީގެ ނާއިބް ރައީސް އިމާދު ސޯލިހު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިމާދު ސޯލިހު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ސިޔާސީގޮތުން މަސައްކަތް ކުރެވޭނީ ބޮޑު ސިޔާސީ ޕާޓީއެއްގައި ހުރެގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ތިން ވަނަ ސިޔާސީ ޕާޓީއެއް ބޭނުންވާކަމަށާއި އެ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މުސްތަގުބަލެއް އޮތް ހަރުދަނާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ޕާޓީން އިސްތިއުފާދެއްވާފައިވާތީ އެ ޕާޓީއާއެކު އިތުރަށް ކުރިއަށްދެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމާދު ސޯލިހަކީ ރައީސް ވަހީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ގައުމީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.