12 Dec 2013, 16:43
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްގެ މެދުގައި ޝައުގު އުފެދިފައިވާއިރު އެ ގޮނޑި ދިފާއު ކުރަން ޑީއާރުޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝަރީފް (އީގަލް ޝަރީފް) ވެސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ ގޮނޑި މިހާރު ތަމްސީލް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު މަހުލޫފު އެވެ. އަދި އެ ދާއިރާ ނޫން އެހެން ދާއިރާއަށް ކުރިމަތިލުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް އޭނާ ކުރައްވާފައެއް ނުވެ އެވެ.
އެ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާ މާލޭގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ އެ ދާއިރާއަށް ނުކުންނެވުމަށް ގަސްތުކުރައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން މިހާތަނަށް ހަ ބޭފުޅަކު ވަނީ ފާޅުކުރައްވައިފަ އެވެ. ނަމަވެސް އެއް ދާއިރާއަކަށް އެއް ކެނޑިޑޭޓަކަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލައިފިނަމަ ޕާޓީގެ ޓިކެޓް ދިނުމަށް ހަމަޖައްސައިފައި ވަނީ ޕާޓީގެ ޕްރައިމަރީއަކުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެދާއިރާއަށް ކުރިމަތިލުމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރިޓަޔާޑް ލެފްޓިނެންޓް ކާނަލް ޒުބައިރު އަހުމަދު މަނިކާއި އެމްއެންބީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުރި އާދަމް ޝަރީފާއި ކަކާގޭ އާދަމް މަނިކުގެ އިތުރުން އަންހެން ބޭފުޅަކު ވެސް ހިމެނެ އެވެ.
އެ ދާއިރާއަށް ޑީއާރުޕީގެ ޓިކެޓްގައި ނުކުންނެވުމަށް ގަސްތުކުރައްވާފައިވާ އެޕާޓީގެ ސުލޫކީ ކޮމިޓީގެ މެމްބަރު ޝަރީފް މިއަދު ވިދާޅުވީ އެނާ އެ ދާއިރާއަށް ނުކުތުމަށް ނިންމީ އެ ގޮނޑިއަކީ ޑީއާރުޕީގެ ގޮނޑިއެއްގެ ގޮތުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ދާއިރާއަށް ކުރިމަތިލަނީ ޕާޓީގެ ޓިކެޓްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ޑީއާރުޕީގެ އެ ގޮނޑި ދިފާއު ކުުރުމުގައި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ލިބޭނެކަން. އެގޮނޑި ހުންނާނީ ޑީއާރުޕީގެ ގޮނޑިއެއްގެ ގޮތުގައި، އަޅުގަނޑު އެކަން ޑީއާރުޕީގެ ކައުންސިލަށް ހުށަހަޅާނަން،" ޝަރީފް ވިދާޅުވި އެވެ.
ޑީއާރުޕީގެ ޓިކެޓްގައި އެދާރާއަށް ޝަރީފް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ޑީއާރުޕީން އަދި އެޕާޓީން ކުރިމަތިލާނެ ގޮނޑިތަކެއް ކަނޑައަޅައިފައެއް ނުވެ އެވެ. ނަމަވެސް ޑީއާރުޕީން ނިންމާފައިވަނީ ކުރިއަށް އޮތް ދެ އިންތިހާބުގައި ވެސް އެޕާޓީން ކުރިމަތިލާ ގޮނޑިތައް ނޫން ގޮނޑިތަކަށް ކުރިމަތިލާ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފަ އެވެ.