މިދިޔަ އޮކްޓޯބަރު ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު 86.3 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ލަންކާއަށް 6،538 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއިން 46،805 މީހުން ދަތުރުކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 36 ޕަސެންޓްގެ އިތުރުވުމެކެވެ.

ލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައި ވަނީ އޮކްޓޯބަރު މަހު އެ ގައުމަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

"އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޔޫކޭ، މެދުއިރުމަތި، ޖަރުމަން އަދި ދިވެހިރާއްޖެ،" އެ ނޫހުގައި ބުނެފައިވެ އެވެ.

ސްރީލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރު ޔުވްރާޖް އަތުކޮރަލާ ވިދާޅުވީ ރާއްޖެއިން އެހާ ގިނަ އަދަދެއްގެ މީހުން ލަންކާއަށް ދަތުރުކުރަނީ ދަތުރުފަތުރުކުރުމުގެ ފަސޭހަ ކަމުން ކަމަށެވެ.

ލަންކާއާ ރާއްޖެއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ އިތުރުން އެމިރޭޓްސް އިން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ދަތުރުތައް ކުރެ އެވެ.