12 Dec 2013, 16:01
ރާއްޖެ ޓީވީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިހުމާލުވި ކަމަށް ބުނެ ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައާ ގުޅިގެން ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުންޏެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބަޔަކު މީހުން ރާއްޖެ ޓީވީ އަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު އިތުބާރު ހުރިގޮތަކަށް ލިބުމާ ގުޅިގެން ހިމާޔަތް ހޯދުމަށް ފުލުހުންގެ ކިބައިން ރާއްޖެ ޓީވީން އެދުނު ކަމަށެވެ.
ރާއްޖެ ޓީވީން އެގޮތަށް އެދުމާ ގުޅިގެން ބީކޭޓީ ބިލްޑިން ސަރަހައްދުގައި ސްޓެޓިކް ޑިއުޓީ ގާއިމް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އަންގަވައިގެން ފުލުހުންގެ އިސްވެރިން އެކަން ގަލޮޅު ޕޮލިސްޓޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އިސް ފަރާތަށް އަންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނީ ޕޮލިސް ކޮމިޝަނަރުގެ އެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ގަލޮޅު ޕޮލިސްޓޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ފަރާތުން އިހުމާލުވެފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ޕޮލިސްޓޭޝަންގެ ޝިފްޓް އައިސީ އަށް ވެސް އެ އެންގުން އަންގާފައިވާ ކަމަށާއި އޭނާ ވެސް އެކަމަށް އިހުމާލުވެފައިވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުންޏެވެ.