އިޒްރޭލްގެ ޑޮކްޓަރުން ޓީމުން އައިޖީއެމްއެޗްގައި ލޮލުގެ ބަލި މީހުންނަށް ފަރުވާދޭން ފެށި ނަމަވެސް "އައި ފްރޮމް ޒިޔޯން"ގެ ނަމުގައި މިއަދު މަސައްކަތް ފެށި އިޒުރޭލްގެ ހަތް މެންބަރުންގެ ޓީމުގައި ހިމެނޭ ހަތަރު ޑޮކްޓަރުން މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށާއި އެ ކައުންސިލުގައި ރަޖިސްޓްރީނުކޮށް ހޮސްޕިޓަލުގައި ބަލި މީހުން ނުބެލޭނެ ކަމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ބުނެފި އެވެ.


އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމަކީ ފަލަސްތީނުގައި މުސްލިމުންނަށް އަނިޔާކުރާ ބައެއް ކަމަށާއި މިވަގުތު ރާއްޖެ އައިސް އުޅޭ ޑޮކްޓަރުންގެ ޓީމާ މެދު ފަރުވާތެރިވުމަށް އަދާލަތު ޕާޓީން ގޮވާލާފައި ވަނިކޮށް އައިޖީއެމްއެޗްގައި މިއަދު މަސައްކަތް ފެށި ޑޮކްޓަރުންގެ ޓީމާ ބެހޭ ގޮތުން ރާއްޖޭގެ ސީނިއާ ބައެއް ޑޮކްޓަރުން ވިދާޅުވީ މިއަދު 2:00 ޖެހި އިރު ވެސް އިޒްރޭލްގެ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަން ހައްދާފައި ނުވާ ކަމަށެވެ.


ސީނިއާ އެއް ޑޮކްޓަރަކު ވިދާޅުވީ އިޒްރޭލުން ރާއްޖެ އައިސް އުޅޭ ޑޮކްޓަރުންނަކީ ލޮލުގެ ސްޕެޝަލިންޓުން ނޫން ކަމަށާއި އެ މީހުންނަކީ ހަމައެކަނި އެމްބީބީއެސް ޑޮކްޓަރުން ކަމަށެވެ.


"ސްޕެޝަލިސްޓުން  ނޫން ބަޔަކަށް އެފަދަ އޮޕަރޭޝަންތަކެއް ނުކުރެވޭނެ. އެމީހުންގެ ތަޖުރިބާ ހުރެވެސްދާނެ އެކަމަކު އެމީހުންނަކީ ސްޕެޝަލިސްޓުންނެއް ނޫން. އެމީހުން ދިއުމަށް ފަހު ދިމާވާ މައްސަލައަކަށް ޒިންމާވަނީ ކާކު؟ އެމީހުން ކައުންސިލްގައި ރަޖިސްޓްރޭޝަނެއް ނުހަދާ އެމީހުން ނަކީ ސްޕެޝަލިސްޓުންނެއް ނޫން،" ނަން ހާމަ ކުރުމަށް އުޒުވެރިވެ ވަޑައިގެންނެވި ސީނިއާ ޑޮކްޓަރު ވިދާޅުވި އެވެ.


އިޒްރޭލްގެ ޑޮކްޓަރުން އައިޖީއެމް އެޗްގައި މިއަދު ހިދުމަތް ދޭން ފެށި އިރު އެ ޓީމަށް ދެއްކުމަށް 739 މީހަކު އެޕޮއިންޓްމަންޓް ހެދި އެވެ. ނަމަވެސް ނަމްބަރު ދޫކޮށްފައި ވަނީ 215 މީހުންނަށެވެ. މިއަދު މެންދުރެއްހާއިރުން ފެށިގެން އިޒްރޭލްގެ ޑޮކްޓަރުން ވަނީ ލޮލުގެ ބަލި މީހުންނަށް ފަރުވާ ދޭން ފަށައިފަ އެވެ.


ލޮލގެ އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވެސް ހިފައިގެން އައި އިޒްރޭލްގެ "އައި ފްރޯމް ޒިއޯން" ޓީމް ހަފުތާ ވަންދެން އައިޖީއެމް އެޗްގައި މަސައްކަތް ކުރާނެ އެވެ.


މި މައްސަލައާ ގުޅިގެން އަދާލަތު ޕާޓީން ނޫސް ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ. އެ ޕާޓީން ބުނަނީ އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އެތައް ބައެއްގެ އެކި ގުނަވަންތައް އެ މީހުންގެ ޑޮކްޓަރުން ވަގަށް ނަގާފައިވާ ކަމަށެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒިއޯން" މި ބަހުންނެވެ.


"އައިފުރޮމް ޒިއޯން" އަކީ 2007 ވަނަ އަހަރު އިސްރާއީލުގެ ވިޔަފާރި ވެރިއެއްކަމަށްވާ ނާތީ މާކަސް އުފެއްދެވި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. މި ޖަމާއަތުގެ މަގުސަތު ތަކުގެ ތެރޭގައި  ސިއްހީ ހިދުމަތައް ބޭނުން ޖެހިފައިވާ ގައުމުތަކަށް ބޭހާއި ޑޮކްޓަރުންގެ ޓީމްތައް ފޮނުވުމާއި އިސްރާއީލުގެ ދައުލަތައް ރީތި ނަން ހޯދައިދިނުން ހިމެނެ އެވެ. މި ޖަމާއަތް އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލުގެ ގަބޫލުކުރުންތަކާ އެއްގޮތަށެވެ.


އެ ޑޮކްޓަރުންނަކީ ޒައިނިޒަމަށް ނިސްބަތްވާ ބައެއްތޯ ސާފުކުރުމަށް މާލޭ ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޒުބައިރު މުހައްމަދާ ފޯނުން ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ހޮސްޕިޓަލުން ސާފުވާގޮތް ނުވެފަ އެވެ.