12 Dec 2013, 15:39
ބިދޭސީންނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތަކަށް އިހުމާލުވާ ފަރާތްތަކާ މެދު އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅާ ގޮތަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމައިފި އެވެ.
އެ ޑިޕާޓްމަންޓުން ބުނީ އިމިގްރޭޝަންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނުން ބާރުލިބިގެން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރާއްޖޭގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ހުއްދަ ދޫކުރެވޭ ފަރާތްތަކުން ބިދޭސީންނަށް މުސާރަ ދިނުމާއި އެކަށީގެންވާ ބޯހިޔާވަހި ކަމެއް ދިނުންފަދަ އަސާސީ ހައްގުތައް ފުރިހަމަކޮށް ނުދިނުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލް އައު ކުރުމުގައި އަދި ސަރުކާރަށް ދައްކަން ޖެހޭ ވާކް ވީޒާފީ ދެއްކުމުގައި އިހުމާލުވުމުގެ މައްސަލަތައް ގިނަވަމުންދާތީ އަންނަ މަހުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ބިދޭސީ މީހާ ރާއްޖެ އައުމަށްފަހު، ވާކް ވީޒާއަށް އެދި ފުރަތަމަ ފަހަރު ހުށަހަޅުއްވާއިރު އެހާތަނަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އިތުރުން ވަޒީފާދޭ ފަރާތާއި ވަޒީފާ ގަބޫލުކުރި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ވަޒީފާގެ އެއްބަސްވުން ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުސާރަ ނުދީ ދެ މަސް ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެ މައްސަލައެއް ބެލުމަށްފަހު، އެފަދަ ބިދޭސީން ވަޒީފާގައި ގެންގުޅުމަށް ދޫކޮށްފައިވާ ކޯޓާ އުނިކުރުމާއި އަދި ރާއްޖޭގައި ހުރެގެން ވަޒީފާ ދޭ ފަރާތް ބަދަލުކުރުމަށް ފުރުސަތު ބިދޭސީ މަސައްކަތްތެރިޔާއަށް ދިނުމަށް ވެސް ނިންމާފައިވެ އެވެ.
އެ ޑިޕާޓްމަންޓުން ބުނީ ބިދޭސީންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމުގައި އިހުމާލުވާ ފަރާތްތަކާއި ބިދޭސީ މަސައްކަތްތެރިންނާމެދު އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ބިދޭސީ މަސައްކަތްތެރިން ވަޒީފާގައި ގެންގުޅުމަށް ދޫކުރެވިފައިވާ ކޯޓާއެއްވާނަމަ، ކޯޓާ އުނިކުރުމާއި ކަނޑައެޅޭ މުއްދަތަކަށް ކޯޓާ ދޫނުކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެގެން އެއް އަހަރަށް ވުރެ އިތުރުވެފައިވާނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ އަދަދު އެ ފަރާތަކަށް ދޫކޮށްފައިވާ ކޯޓާއިން އުނިކުރަން ވެސް އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ.
އެ ޑިޕާޓްމަންޓުން ވަނީ ވާކް ވީޒާ ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކައި ހަ މަސްދުވަސް ފާއިތުވެއްޖެނަމަ ވާކް ވީޒާ ފީ ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިޔާ ރާއްޖޭގައި ހުރެގެން ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގެ ފުރުސަތު ދިނުމާއެކު އެ ބިދޭސީ މަސައްކަތްތެރިޔާއަށް ވަޒީފާ ދިން ފަރާތަށް ދޫކޮށްފައިވާ ކޯޓާ އުނިކުރަން ވެސް ނިންމައިފަ އެވެ.