މޯލްޑިވްސް ކަސްޓަމްސް ސާވިސް އޮތީ ވަރަށް ހާލުގައި ކަމަށާއި މިހާރު ދީފައިވާ ބަޖެޓުން "ނުވާނެ" ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ ކަސްޓަމްސް އޮފީހުގެ ފެންވަރު ވެސް ވަރަށް ދަށް ކަމަށާއި ބޮޑެތި މަރާމާތުތަކެއް އެ އިމާރާތައް ބޭނުންވާ ކަމަށެވެ.

"ވަރަށް ރީތި އިމާރާތެއް އެބަ ހުރި ކަސްޓަމުސްގެ އިމާރާތުގެ ގޮތުގައި ފެންނަން، އެކަމަކު އެތެރެއަށް ތިބޭފުޅުން ވެސް ވަދެ ވަޑައިގެންފިއްޔާ އެނގިގެންދާނެ އެ ޔަކީ. މިވަގުތު މީހުން މަސައްކަތް ކުރާކަށް އެކަށީގެންވާ ކަމެއް ނޫންކަން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްޓަމްސް އިމާރާތުގެ ގިނަ އެއާކޯންތައް ހަލާކުވެފައިވާއިރު 2004 ވަނަ އަހަރުން ފެށިގެން އިމާރާތުގެ މަރާމާތަކަށް އެއްވެސް އެއްޗެއް ލިބިފައެއް ނެތް ކަމަށެވެ. އެހެންކަމުން އެ އިމާރާތުގެ ކުޑަދޮރު ނުހުޅުވޭ ކަމަށާއި "ދޮރު ހުޅުވައިފިނަމަ ވެއްޓޭނީ މަގުމައްޗަށް" ކަމަށް ވިދާޅުވި އެވެ. އަދި އެ އިމާރާތުގެ ތެރޭގައި ފެންބޮޑުވާ ކަމަށާއި ކަރަންޓް ޝޯޓްވުމުގެ ބިރު ވެސް ބޮޑު ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މާލޭގައި އޮތީ ކަސްޓަމްސްގެ ތިން ވެހިކަލް ކަމަށާއި އޭގެ ތެރެއިން ދެ ވެހިކަލް ހަލާކުވެފައިވާ ކަމަށެވެ. އަދި މާލެއިން ބޭރުގައި ހުރި ވެހިކަލްތަކުގެ ތެރެއިން ވެސް ކުޅުދުއްފުށި ނޫން އެހެން ރަށްރަށުގެ ވެހިކަލްތައް ހަލާކުވެފައިވާއިރު ކަސްޓަމްސްގެ ދެ ލޯންޗު ވެސް ހަލާކުވެފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މާލޭގައި އޮތީ ތިން ވެހިކަލް، އެއިން އެއް ވެހިކަލް ސްޓާޓެއް ނުކުރެވޭ، ދެން ދުއްވޭ ވެހިކަލްގެ ދޮރު ހަލާކުވެފަ، އެ ދޮރު ހުޅުވައިފިއްޔާ ނުލެއްޕޭ، ލައްޕައިފިއްޔާ ނުހުޅުވޭ، ދެން އޮތް ވެހިކަލް ގޯޅި އަޅަނީ ހަމައެކަނި ވާތައް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްޓަމުސްގެ ހިދުމަތްދޭ އިމާރާތްތަކުގައި ޖާގައިގެ ދަތިކަން ފޯރާފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓްގައި ހުންނަ އެއާކާގޯ އޮފީހާއި ކަސްޓަމުސްގެ މައި އިމާރާތުގައި ވެސް އެދަތިކަން ދިމާވާ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކަސްޓަމްސްއިން ފިނޭންސްއަށް ހުށަހެޅީ 230 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެ ބަޖެޓް 195 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެންމެ މަދުވެގެން ވެސް މިހާރު ހުށައަޅާފައިވާ ބަޖެޓަށް 18 މިލިއަން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ގިނަ މުއައްސަސާތަކަކުން ދަނީ ބަޖެޓް ކުޑަކުރުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޖެޓް ކޮމެޓީގައި އެކަންކަން ހިއްސާކޮށްފަ އެވެ.