12 Dec 2013, 15:11
ތަކުރާރުކޮށް ފިލާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ގެސްޓްހައުސްއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހަފްތާއެއްހާ ދުވަސް ކުރިން ފިލައިގެން އުޅުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ހދ. ނޭކުރެންދޫ، ޝާޒިން، އާމިނަތު އިފާ ހޯދާފައި ވަނީ ހެންވޭރު ކޮޅުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި ފިލައި ހުއްޓައި މިއަދު މެންދުރު 2:30 ހާކަންހާއިރު ކަމަށެވެ.
އެމައްސަލާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އިފާ ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެގޮތަށް ފިލައިފަ އެވެ. މީގެ ކުރިން އެކުއްޖާ ފިލި އިރު އެކުއްޖާ ހޯދާފައި ވަނީ ފިލިތާ ދެ ތިން ދުވަސް ފަހުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ އުސްފަސްގަނޑުގެ ސަރަހައްދުނެވެ.
ފަހަކަށް އައިސް ފުރާވަރުގެ ކުދިން ގެއްލިގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ކުދިން ގިނަ ފަހަރަށް ފެންނަނީ ކޮންމެ ވެސް ރައްޓެއްސަކާ އެކު އުޅެނިކޮށެވެ.