12 Dec 2013, 15:01
ސްޓައޯ ބުކަރެސްޓް އަތުން 1-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ޗެމްޕިއަންސް ލީގު ގުރޫޕް އީގެ އެއްވަނަ ޗެލްސީ ހޯދިއިރު، ރަށުން ބޭރުގައި 2-0 އިން ނަޕޯލީއަތުން ބަލިވި ނަމަވެސް ގްރޫޕް އެފްގެ ދެވަނަ ޖާގަ ހަނިގޮތަކަށް ލިބި އާސެނަލް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް އުފުލައިލުމަށް ފަހު ޖެހިގެން އައި ސީޒަންގައި ގްރޫޕް ސްޓޭޖުން ކެޓި ޗެލްސީ ރޭގެ މެޗަށް ނުކުތް އިރުވެސް ދެވަނަ ބުރުން ޖާގައެއް އޮތީ ކަށަވަރު ވެފަ އެވެ. އަދި މިފަހަރު އެޓީމު ހިމެނޭ ގްރޫޕް އެއްވަނަ މަގާމް ޗެލްސީ ހޯދީ 12 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ރޭ އެފްސީ ބާސެލް އަތުން 2-0 އިން މޮޅުވެ ޖަރުމަނުގެ ޝަލްކޭ އެވެ. އެޓީމަށް 10 ޕޮއިންޓް ލިބުނު އިރު ބާސެލް އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އަދި ރޭ ޗެލްސީ އަތުން ބަލިވި ރޫމޭނިޔާގެ ސްޓައޯ އޮތީ 3 ޕޮއިންޓާއެކު ގްރޫޕުގެ ފުލުގަ އެވެ.
ޖެހިޖެހިގެން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އާސެނަލް ދަތުރު ކުރިއިރު، ޕޮއިންޓެއް ނުލިބި އެ ގްރޫޕުގެ ފުލުގައި އޮތް ފްރާންސްގެ އޮލިމްޕިކް މާސޭ ފިޔަވައި އަނެއް ތިންޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އޮތެވެ. ރޭގެ ނަތީޖާތަކާ އެކު ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. އެހެން ނަމަވެސް މާސޭގެ ދަނޑުގައި އެޓީމު އަތުން 2-1 އިން މޮޅުވެ އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް ގްރޫޕްގެ އެއްވަނަ މަގާމު ހޯދީ ފައިދާ ފަސް ގޯލާ އެކު އެވެ. އަދި އާސެނަލް އަށް ގްރޫޕްގެ ދެވަނަ ލިބުނީ ފައިދާ ތިން ލަނޑާއެކު އެވެ. އާސެނަލް އަތުން މޮޅުވި ނަމަވެސް ހިތްދަތި ގޮތަކަށް ފައިދާ އެއް ލަނޑާއެކު ނަޕޯލީ އަށް ޖެހުނީ މުބާރާތާ ވަކިވާށެވެ.
ސްޓެމްފޮޑް ބްރިޖްގައި ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، މެޗުގެ 10 ވަނަ މިނިޓްގައި އެޓީމުގެ ސެނެގާލް ފޯވާޑް ޑެމްބާ ބާ އެވެ. ޗެލްސީއަށް ނަތީޖާ ތަފާތު ކުރާނޭ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޗެލްސީ ގްރޫޕްގެ އެއްވަނަ ހޯދި ނުވަވަނަ ފަހަރެވެ. ދެވަނަ ބުރުގައި ޗެލްސީ ވާދަކުރަން ޖެހޭނީ، ބަޔާ ލެވަކުސަން، ގަލަތަސަރާއީ، އޮލިމްޕިއާކޮސް، ޒެނިތު ޕީޓާސްބާގް ނުވަތަ އޭސީ މިލާން މިއިން ކޮންމެވެސް އެއްޓީމަކާ އެވެ.
ނަޕޯލީގެ ދަނޑުގައި އެޓީމާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 75 ވަނަ މިނިޓްގައި އާސެނަލްގެ މިކޭލް އާޓެޓޭއަށް ރީނދޫ ދެކާޑޫ ހަމަވެ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައިވާއިރު ނަޕޯލީ އިން އާސެނަލް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ، 73 ވަނަ މިނިޓުގައި ގޮންޒާލޯ ހިގައިން އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ހޯޒޭ ކަލިޔޯން އެވެ.
ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ނަޕޯލީއަށް ޔުއެފާ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ. ދެވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ، ރެއާލް މެޑްރިޑް، ޕީއެސްޖީ، ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް ނުވަތަ ބާސެލޯނާ މިއިން ޓީމަކާ އެވެ.